ޚަބަރު

އެމްއެސްއެސްއިން އައްޑޫ ސިޓީގެ ސަރަހައްދީ ބަނދަރު ބައިނަލްއަގްވާމީ ބަނދަރުތަކާ ގުޅުވާލަދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީއަށް ބައިނަލްއަޤްވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓް، އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by STELCO

މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނަރ އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. މީގެ ތެރޭގައި 20 ރީފަރ ކޮންޓެއިނަރ ހިމެނެއެވެ. މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެއެވެ.

އަދި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ޤަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެއެވެ.

މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.
މި ބޯޓް ރާއްޖެ ގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ.

ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެއެވެ. 2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން މި ބޯޓް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!