ޗައިނާގެ ލުއި އިންޒާރެއް ސިންގަޕޫރަށް، އެމެރިކާއާ މެދު ސަމާލުވާން ޖެހޭ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ މިހާރު އުޅުއްވަނީ ސިންގަޕޫރުގަ އެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވުމަށް އޭނާ ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ކެމްބޯޑިއާއަށް ވެސް އޭނާ ވަޑައިގަންނަވާނެ އެވެ.
ވާންގް ޔީ ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ލީ ސަން ލޮއޮންގްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި ސިންގަޕޫރުން އެމެރިކާއާ މެދު ސަމާލުވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ދުނިޔެއަށް އޮތް އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި މައްސަލަ އަކީ ވެސް އެމެރިކާ އެވެ.
އެމެރިކާގެ ސިޔާސަތަކީ ގައުމުތަކުގައި ހުރި މައްސަލަތައް ހަތިޔާރު ބޭނުންކޮށްގެން ހަމައަކަށް އެޅުވުމެވެ. ޗައިނާ ގެންގުޅެނީ މަޝްވަރާ އާއި ނަސޭހަތްތެރިވުން އަދި ބޮލުގައި ފިރުމާލުމުގެ ސިޔާސަތެވެ.
އެމެރިކާ ގެންގުޅޭ ހަތިޔާރު ނެގުމުގެ ސިޔާސަތުގެ ސަބަބުން އެއްވެސް ކަމެއް ހައްލުނުވުމުގެ އިތުރުން ދުޝްމަނުންނާއި ހަސަދަވެރިން ވަނީ އިތުރެވެ. ހަމަނުޖެހުން ވަނީ ބޮޑެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ސިންގަޕޫރު ކަހަލަ ގައުމުތަކުގައި ޗައިނާގެ ދައުރު އޮތުމަކީ އެމެރިކާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެމެރިކާއަށް ވުރެ ބާރުގަދަ އެހެން ބަޔަކު ދުނިޔޭގައި އޮތުމަށް އެމެރިކާ ނޭދުމުގެ ނަތީޖާއަކަށް ވަނީ އޭނާ ވިދާޅުވި ގޮތުަގައި އަސްކަރީ ގޮތުން އެމެރިކާ ނުކުތުމެވެ.