ދުނިޔެ

އަޝްރަފް ޣަނީ އަފްޣާނިސްތާނުގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ރައީސްކަމަށް މިދިޔަ ސެޕްޓެމްބަރުމަހު އިންތިޚާބުވެވަޑައިގެންނެވި އަޝްރަފް ޣަނީ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސްކަމުގެ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވި އަޝްރަފް ޣަނީގެ ސިޔާސީ ހަތުރު އަދި ކުރީގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲވަނީ އެރަސްމިއްޔާތު ބަލައިގަންނަވަން ދެކޮޅުހައްދަވާ އަމިއްލަ ރަސްމިއްޔާތެއްގައި އިދިކޮޅު ރައީސް ގޮތުގައި ހުވާކުރައްވާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގައި ދެބޭފުޅުންނަށް އެއްވަރަށް ވޯޓު ލިބިވަޑައިގެންނެވުމުން ގިނަ ދެބަސްވުންތަކެއް ހިނގައިފައިވެއެވެ. ޤައުމުގެ ހައްޤު ވެރިޔާކަމަށް ދެބޭފުޅުންވެސް ދަޢުވާ ކުރައްވައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ރައީސް އަޝްރަފް ޣަނީކަމަށް އެޤައުމުގެ އިންތިޚާބާބެހޭ ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ. އަފްޣާނިސްތާނުން އެމެރިކާއާއި ގުޅިފައިވާ ފައުޖުތައް ފޭބުމަށް އެމެރިކާއާއި ޠާލިބާނުންވެފައިވާ އެއްބަސްވުމަށް އެކަމުގެ ސަބަބުންވަނީ ހިޔަނިއެޅިފައެވެ.

ޣަނީ ރައީސްކަމުގެ ހުވާ ކުރެއްވި ވަގުތު ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް ރޮކެޓު ޙަމަލާއެއް ވެސް ވަނީ ދީފައެވެ. ނަމަވެސް އެޙަމަލާގައި އެއްވެސް މީހަކަށް ޒަޚަމްވިކަން އެނގިފައެއް ނުވެއެވެ. އަދި ރައީސް ޣަނީވަނީ އެވަގުތު އޭނާ ދެއްވަމުންދިޔަ ޚިޠާބު ކުރިއަށް ގެންދަވާފައެވެ. ނަމަވެސް ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ އެހެން ޙަރަކާތްތަކާއި ރަސްމިއްޔާތުތައްވަނީ ފަސްކޮށްފައެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތަށް ބޭރު ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ޚާރިޖީ ބޭފުޅުންނާއި ގުޅިފައިވާ ފައުޖުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ދިން ޚިޠާބުގައި ޣަނީ ވިދާޅުވީ އޭނާ އެކުލަވާލައްވާ ސަރުކާރުގައި ހިމެނޭނީ ހަމައެކަނި އޭނާގެ ސިޔާސީ އެކުވެރިން ނޫންކަމަށެވެ. ޠާލިބާނުންނާއެކު ކުރެވޭ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވެ ވަކާލާތުކުރާނެ ވަފުދެއް އެކުލަވާލެއްވުމުގެ މަސައްކަތް ޣަނީ ދަނީ ކުރައްވަމުންނެވެ. އަދި 5،000 ޤައިދީން މިނިވަންކުރުމަށް ޠާލިބާނުންކޮށްފައިވާ ޝަރުތާއިމެދު ގޮތެއް އިޢުލާނު ކުރައްވާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!