ޚަބަރު

މިއީ ވީހާވެސް ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންވީ ވަގުތު: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

މިއީ ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވި 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!