ޚަބަރު

ރޯގާގެ އަލާމާތްތައް ހުންނަ ގައިދީން ކޯޓުތަކަށް ހާޒިރުކުރުން މަޑުޖައްސާލައިފި

ރޯގާގެ އަލާމާތްތައް ހުންނަ ގައިދީން ކޯޓުތަކަށް ހާޒިރުކުރުން މަޑުޖައްސާލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަހަށް ރާއްޖެއިން ހަ މީހަކު ޕޮޒިޓިވްވެ، ގައުމުގެ ހާލަތު "ޔެލޯ އެލާޓަށް" މަތިކޮށްފައިވާތީ ރައްކާތެރިވުމުގެ ގޮތުން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކޯޓުތަކުގެ އެދުމުގެ މަތިން ހުން އައިސް، ކެއްސާ އަދި ކިނބިހިއަޅާ ގައިދީންނާއި ބަންދު މީހުން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އަދި އެފަދަ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ގައިދީންނާއިއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުމަށް ހާޒިރުނުވުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން އެފަދަ ބައްދަލުވުމަކަށް އަންނަ އެއްވެސް ފަރާތެއްގެ ކިބައިންގެ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެ ބައްދަލުވުން ކެންސަލް ކުރެވޭނެ ކަމަށާއި އެގޮތަށް ކެންސަލްވާ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގެ ބަދަލުގައި ފޯނު ކޯލްގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދި ޖަލުތަކުގައި މި ވައިރަހާ ގުޅިގެން ސަލާމަތީ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް ހާއްސަ ޓާކްސް ފޯހެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!