ޖިމްތަކުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ބޮޑު
ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ ކޯވިޑް19 ނުވަތަ ކޮރޯނާ ވައިރަހުގެ ވާހަކައެވެ. އެއް ލައްކަ އަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހިފައިވާއިރު ވައިރަހުގެ ބިރު ދަނީ ބޮޑުވަމުންނެވެ.
ސައިންސްވެރިން އެންމެ ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޖިމްތަކުގައި ކޮރޯނާ ވައިރަސް ޖެހުމުގެ ފުުރުސަތު ވަރަށް ބޮޑެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޖިމް ތައް ފުރިފައި އޮންނަނީ މީހުންގެ ގައިން ބޭރުވާ ދަލުން ކަމަށް ވެފައި އެތާގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ވަަރަށް ބޮޑުކަމަށެވެ.
ޑޮކްޓަރުން އިތުރަށް ބުނާ ގޮތުގައި ޖިމަށް ދިއުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ޖިމަށް ގޮސް އުޅޭއިރު ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. އެގޮތުން ކަސްރަތު ކުރުމަށް ފަހު ރަނގަޅަށް ތުވާއްޔަކުން ދާ ހިއްކުމަށް އިރުޝާދުދެއެވެ. ހަށިގަނޑު ތެތް ކޮށް ހުންނަނަމަ ހަށިގަނޑު ގައި ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
ކޮރޯނާ ވައިރަހަށް އަދި ފަރުވާ އެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން މީހުން އެއް ވާ ތަންތަނަށް ނުދިއުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. ހަމައެހެންމެ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކެއްސާއި ކިނބިހި އަޅައިރު ޓިޝޫ އަކުން އަނގަ މަތި ނިވާ ކޮށް ވަގުތުން ޓިޝޫ ޑަސްބިނަށް ލައި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުންވެސް ހިމެނެއެވެ.