ކޮވިޑް-19ގެ ސަބަބުން އިންތިޚާބު ފަސްކުރަން ޖެހިއްޖެނަމަ އިދިކޮޅުން އެކަމަށް ތާއީދު ކުރާނެ
ކޮރޯނާ ވައިރަހާއި ގުޅިގެން އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ހާލަތަކަށް ދިޔަކަމަަށް ސަރުކާރުން ހާމަކޮށްފައި ނުވާކަމާއި އެފަދަ ހާލަތަކަށް ހިނގައްޖެނަމަ އޭޕްރީލް މަހު 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އިދިކޮަޅު ކޯލިޝަނުން ތާއީދު ކުރާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އަބަދުވެސް އިސްކަންދޭނީ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.
"ކޮރޯނާ ވައިރަަަހާއި ގުޅިގެން އިންތިޚާބު ފަސްކުރަން ޖެހޭފަދަ ހާލަތަކަށް ދިޔަކަމަކަށް އަދި މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރޭ ، އެފަދަ ހާލަތަކަަށް ގައުމު ހިނގައްޖެނަމަ އެކަމަށް ޕީޕީއެމް، ޕީއެންސީ ތާއީދު ކުރާނެ ، އަަޅުގަނޑުމެން އަބަދު ވެސް އިސްކަންދޭނީ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް" އަދުރޭ ޓުވީޓް ކުރައްވާފައިވެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު އިންތިޚާބު ލަސްކުރުމާ މެެދު ސަރުކާރު ހިންގާ މައި ޕާޓީ ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ކަފިވެފައެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޕާޓީގެ ބައެއް މެމްބަރުން އިންތިޚާބު ފަސްކުރުމަށް ތާއީދުކޮށް ވާހަކަފުޅު ދެއްކެވިއިރު ، ބައެއް މެމްބަރުން ސިފަ ކުރެއްވީ އެއީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމެއް ކަމަަށެވެ.
އިންތިޚާބު ލަސްކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި މެދުވެރި ނުވާ ކަމަަށެވެ.