ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަމުން އަންނާތީ، ސަމާލުވުމަށް އެދިއްޖެ

ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުން ވިދާޅުވީ، ދަރިވަރުންނަށް އަމާޒުކޮށް ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ބައެއް ފަރާތްތަކުން ހޯދަމުންގެންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން ރަސްމީ ލިޔެކިޔުންތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކިއެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތަކަކަށްވާތީ އެފަދަ ތަކެތި އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަމުން އަންނާތީވެ ސަމާލުވުމަށް ފުލުހުން އެދިވަޑައިގެންނެވިއިރު، ފަހަކަށް އައިސް އެހެން މީހުންގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން ބޮޑެތި ސްކޭމްތައް ހިންގާ ފައިސާ ފޭރުން އަންނަނީ އިތުރުވަމުންނެވެ.