ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި
ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ސްރީލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި އެވެ.
ލަންކާގެ އިންފޮމޭޝަން ޑިޕާޓްމެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮން އެރައިވަލް ވިސާ އެ ގައުމުން ބޭރުގެ މީހުންނަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ލަންކާ އިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އެގައުމުގެ ރައްޔިތަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ އިޓަލީގެ ފަތުރުވެރިންނާއެކު އެގައުމަށް އައި ލަންކާގެ އުމުރުން 52 އަހަރުގެ ފިރިހެނެކެވެ.
އެ ފިރިހެން މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި މި ބަލި އޭނާއަށް ޖެހުނީ ފަތުރުވެރިންގެ ފަރާތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ އެ ގްރޫޕުން ދިޔަ ތަންތަން ބަލައި ޗެކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނުރައްކާތެރި ކޮރޯނާވައިރަހުގައި ދުނިޔެއިން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބައްޔަށް 100،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.