އަތޮޅުތެރޭގެ ރައްޔިތުން ހަރާންކޯރުވީ ކަމަށް ބުނެވޭނެ ޖާގައެއް ނެތް: މުންދު
އަތޮޅުތެރޭގެ ރައްޔިތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަރާންކޯރުވީ ކަމަށް ވިދާޅުވެވެން ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގައި ގިނަ މަޝްރޫއުތައް ހިންގުމުން ވެސް، ރައްޔިތުންވީ ހަރާންކޯރު ކަމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު "ފޯކަސް" ކުރައްވަވާނީ، ވެރިރަށް މާލެއަށް ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާ ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، މި ކެމްޕޭނުތެރޭގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކުރެވި، އަހުލުވެރިން ޙިއްސާކުރެއްވި ވާހަކަތަކުން ފާހަގަވީ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ބައެއް މަޝްރޫއު ޑިއުޑިލިޖެންސް ނުހަދާ ޕާޓީކުދިންނާއި ހަވާލުކުރަން އުޅުމުގެ ތެރެއިން އެކި ފަހަރުމަތިން ހުއްޓި، ކޮންޓްރެކްޓަރު ބަދަލުވެ، އަގު އެތައްގުނައެއް އިތުރުވި ކަމަށެވެ.
ކޮންމެ ބަޔަކަށްވެސް މޮބިލައިޒޭޝަން ކޮސްޓް ލިބުނީމުން، ކާލައިގެން ފިލަނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދެން އޮތީ ނަރުދަމާގެ ވާހަކަ. ގިނަ ރަށްތަކެއްގައި ކަމުގެ ތަޖުރިބާނެތް އަވަށްޓެރި ޤައުމުގެ ބަޔަކާ މިކަން ހަވާލުކޮށްގެން، މަސައްކަތް ނުނިމިހުރިކަން. ކޭބަލް ވަޅުލާ ބަޔަކާ ހޮޅި އަޅަން ހަވާލުކުރީމަ އެބަހުރި ގްރޭޑިއަންޓާއި އެލައިންމަންޓަށް ބަލާނުލާވެސް އެކަންކޮށްފައި. މުޅި މަޝްރޫއު އަލުން ސުމަކުން ފަށައިގެން ނޫނީ ނުނިންމޭ ފެންވަރަށް ހަޑިހާވާފަ ހުރި ތަންތަންވެސް މަދެއްނޫން. މަޖިލިސް އިންތިޚާބު ނޫނީ ކައުންސިލް އިންތިޚާބާ ދިމާކޮށް، ބިންގާއަޅާ ރިބަންފަށް ކަނޑާފަ އޭގެފަހުން އަތްނުލާ ތަންތަންވެސް ފެނުނު." މުންދު ވިދާޅުވިއެވެ.
ރައްޔިތުންނާ މަޝްވަރާނުކޮށް، އެދޭގޮތް އޮޅުންނުފިލުވާ އެއްޗަކަށް އެއްޗެއް ހަދާފައިވެސް އެބަހުރި ކަމަށާއި، އެހެންކަމުން އަތޮޅުތެރެއިން ރައްޔިތުން ހަރާންކޯރުވީކަމަށް ރައީސް ޞާލިޙު ވިދާޅުވާނެ ޖާގައެއް ނެތް ކަމަށް މުންދު ވަނީ ވިދާޅުވިއެވެ.
"އެބާލަނީ ހަމަ ބާލަންވެގެން. ބާލަން ޖެހޭތީ. ހަޑިހާވާ ފަސްބާޑި ޖަހާފައިހުރި މިކަހަލަ ބޮޑެތި އިސްރާފުތަކަކީ ނިމިފައިވާ މަޝްރޫއުގެ ގޮތުގައި ހިމަނައި، ފޮނިކަނޑާ ރަށުތެރޭގައި ބެނަރ ޖެހީމަ ރައްޔިތުންގެ ރުޅި އިތުރަށް ގަދަވާނީ." އޭނާ ވިދާޅުވިއެވެ.