ޚަބަރު

ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ އިސްލާހު ބާތިލުކުރަން ކޯޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލާމަރުކަޒީ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުތައް ބާތިލުކުރަން އިދިކޮޅު އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ލާމަރުކަޒީ ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފަ އެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް އިތުރުކޮށްފައިވާ މާއްދާތަކަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށެވެ.

މި މާއްދާތަކުގެ ސަަބަބުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެން ދާތީ މި މާއްދާތައް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.

Ads by Ooredoo