ބޭރު ދުނިޔެ

އިންސާނިއްޔަތު ކަމެއް ނެތީތޯ؟ އިންސާނަކު ހޭންޑް ސެނިޓައިޒާ ފުޅިއަކަށް

އިންސާނަކު ހޭންޑް ސެނިޓައިޒާ ފުޅިއަކަށް ހަދައި މަގުމަތީގައި ހިންގުވައިފިއެވެ.

ސައުދީ އަރަބިއާގެ ތެޔޮ ވިއްކާ ކުންފުންޏެއް ކަމަށްވާ ސައުދީ އެެރެމްކޯ މުވައްޒަފަކުގައި ހޭންޑް ސެނިޓައިޒާ އަޅުވައި ހިންގުވާފައިވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދުވަސް ކޮޅު އަތް ދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމަށް ހޭލުންތެރިކުރުވަމުންދާ ދުވަސްވަރެއްގައެވެ.

މި މީހާގެ ފޮޓޯއާއި ވީޑިއޯ މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި އެއީ ލާއިންސާނީ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. ސައުދީ އެރެމްކޯ އިން ބުނެފައިވަނީ އެ އަމަލު ހުއްޓުވައި އެކަން ކުރި މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި އެ ކުންފުނިން އެ ކުންފުނީގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހަށް އަދި ފަރުވާ އެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން މީހުން އެއް ވާ ތަންތަނަށް ނުދިއުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. ހަމައެހެންމެ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކެއްސާއި ކިނބިހި އަޅައިރު ޓިޝޫ އަކުން އަނގަ މަތި ނިވާ ކޮށް ބޭނުން ކުރާ ޓިޝޫ ވަގުތުން ޑަސްބިނަށް ލައި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުންވެސް ހިމެނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކޮރޯނާގެ 124923 ކޭސް ރިޕޯޓުކުރެވިފައިވާއިރު ވައިރަސް ޖެހުނު 67050 މީހުންވަނީ ވައިރަހުން މުޅިން ރަނގަޅުވެފައެވެ. އަދި ވައިރަހުގެސަބަބުން 4585 މީހެއް މަރުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!