ދުނިޔެ

ކޮވިޑް19: އެންމެންގެ ތައުރީފް ލިބެމުންދާ ނަރުހުން

ކޮވިޑް19 ގެ ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. ސްކޫލުތައް ބަންދުކުރަނީއެވެ. އޮފީސްތަކާއި އާންމު ކޮށް މީހުން އެއްވެ އުޅެ ތަންތަނުން މީހުން ހުސްވެއްޖެއެވެ. އާންމު ދަތުރުތައް ހުއްޓާލައި މަގުތައްވަނީ ހުސްވެފައެވެ. އެއާޕޯޓުތައް ވެސް ހަަމަ އެފަދައެވެ. އިގްތިސާދީ އަޑިގަނޑަކަށް މުޅި ގައުމު ވެއްޓިފައިވާއިރު މުޅި ގައުމު އޮތީ ކަރަންޓީންކޮށްފައެވެ. މިއީ ކޮރޯނާ ވައިރަހުގެ ނުރައްކާ ދެވަނަ އަށް އެންމެ ބޮޑުވި އިޓަލީގެ ވާހަކައެވެ.

އިޓަލީގައި ވަނީ 12000 ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި އެންމެ ބުރަކޮށް އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޮވިޑް19ގެ ކޭސްތަކުގައި އުޅުނު އިޓަލީ ނަރުހުން ވަނީ އެމީހުންގެ ޝެޑިއުލް އޮންނަ ގޮތް މީޑިއާއާއި ހިއްސާކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ ނަރުހުންނަށް އޮހިފައެވެ.

އިޓަލީގެ އެއް ނަރުސް ކުއްޖަކު ބުނި ގޮތުގައި ފާޚާނާއަށް ނުގޮސް ހަގަޑިއިރު ހަތް ގަޑިއިރު މަޑުކުރަންޖެހެއެވެ. ބަލި މީހުންގެ ޚިދުމަތުގައެވެ. ވައިރަހުން ރައްކާތެރިވުމަށް މާސްކު އަޅައިގެން ގިނަ އިރު ތިބުމުގެ ސަބަބުން މޫނުން ވެސް މާސްކު ފާހަގަ ކުރެވެއެވެ. ނިދާލަން ގެއަކަށް ނުދެވެއެވެ. 12 ގަޑިއިރު ޑިއުޓީ ނިންމާފައި އޮފީސް މޭޒު ކައިރީ އިނދެ ނިދާލާފައި އަނެއްކާވެސް އަނެއް ދުވަހުގެ ޑިޔުޓީއެވެ.

ބައެއް އެހެން ނަރުހުން ބުނި ގޮތުގައި ވަރުބަލި ވާކަމާއި ބަދަލު ކުރަންޖެހޭ އަންނައުނު ގިނަ އިރު ލައިގެން އުޅުމުގެ ސަބަބުން ގައިގެ ތަންތާގައި ރިއްސާކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހުރެވެސް އެ ވަޒީފާ އަދާކުރުމަށް ފަސްނުޖެހޭނެ ކަމަށް އެމީހުން ބުނެފައިވެއެވެ.

ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ނަރުހުން ވަާ ގުރުބާނީ އަށް ޝުކުރު ހައްގެވެ. އަމިއްލަ އާއިލާ އާއި ދުރުގައި އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައެވެ.އިންސާނިއްޔަތަށް ޓަކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!