ދުނިޔެ

ޗައިނާ އިން ، ކޮރޯނާ ވައިރަހާއި ދެކޮޅަށް ޔޫރަޕުން ކުރާ މަސައްކަތަށް އެހީ ވަނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ އެންމެ މުއްސަނދި މީހާ ޖެކް މާ ، ކޮރޯނާ ވައިރަހާއި ދެކޮޅަށް ޔޫރަޕުން ކުރާ މަސައްކަތަށް އެހީ ވާން ނިންމައިފިއެވެ.

Ads by Sosun Fihaara

އެގޮތުން މާ ވަނީ 1.8 ބިލިއަން ރައްކާތެރިކަމުގެ މާސްކާއި 100،000 ކޮރޯނާ ވައިރަހަށް ޓެސްޓުކުރާ ކިޓް ހަދިޔާ ކުރުމަށް ނިންމާފައެވެ. މި އެހީ އިޓަލީއާއި ސްޕެއިން ފަދަ ޔޫރަޕު ގައުމުތަކަށް ބެހުމަށް ވަނީ ނިންމާފައެވެ. މި މާސްކުތަކާއި ޓެސްޓު ކިޓްތައް ޔޫރަޕަށް ފޮނުވުމުގެ ކުރިން ފުރަތަމަ ފޮނުވާނީ ބެލްޖިއަމް އަށް ކަމުގައި މާ ބުނެފައިވެއެވެ.

އަލީބާބާގެ ވެރިޔާ މާ ވަނީ މީގެ ކުރިން ވެސް ކޮރޮނާ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން މި މަހުގެ ކުރީ ކޮޅުގައި މާ ވަނީ ޖަޕާނާއި ސައުތު ކޮރެއާއަށް އެއް މިލިއަން މާސްކު ހަދިޔާ ކޮށްފައެވެ. އަދި ކޮރޯނާ ވައިރަހަށް ވެކްސިން ހެދުމަށް އެހީ ވުމުގެ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އަށް 40 މިލިއަން ޔުއާން ވެސް ހަދިޔާ ކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ބިރު ބޮޑުވެ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ކޮރޯނާ ވައިރަހަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މިކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގައި ހުރިހާ ގައުމުތަކުން ވެސް މަސައްކަތް ކުރުމަށް ޑަބްލިޔުއެޗްއޯ އިން ގޮވާލައިފައިވެއެވެ.

މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 126,383 ވުރެ ގިނަ މީހުނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 4636 އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!