ދުނިޔެ

ހޮންގްކޮންގް ގައި ދިރިއުޅޭ މުސްލިމު އާއިލާއެއް ރައްޔިތުންނަށް ހިލޭ މާސްކު ބަހަނީ!

ދެން އެމްވީ ، ދެން އޮންލައިން

ހޮންގްކޮންގް ގައި ދިރިއުޅޭ ޕާކިސްތާނަށް ނިސްބަތްވާ މުސްލިމު އާއިލާއަކުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، މާސްކާއި ޖަރާސީމުން ރައްކާތެރިވުމަށް ބޭނުންކުރާ އެހެނިހެން ސާމާނު ހިލޭ ބަހައިފިއެވެ.

Ads by Sosun Fihaara

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވުހާން ސިޓީގައި އުފެދުނު މިވައިރަސްގެ މިދިޔަ މަސްތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުމާއި ގުޅިގެން މޫނު ނިވާކުރުމަށް ފޭސް މާސްކާއި، އަތުގައި ހާކާ ހޭންޑް ސެނިޓައިޒާ އަދި އަންގި ލިބުންވެސް ވަނީ ހުރިހާ ޤައުމެއްގައި ވެސް ދަތިވެފައެވެ.

މިބަލީގެ ސަބަބުން މިހާރުވެސް ގިނަ އަދަދެއްގެ މީހުން ބިރުވެރިކަމެއްގެ ތެރޭގައި ހުރިއިރު، އެތައް ހާސް ބަޔަކަށް މިހާރުވަނީ މިބަލި ޖެހިފައެވެ. އެގޮތުން ކޯވިޑް 19 ޖެހިގެން މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުން 4،251 މީހުން މަރުވެފައިވާއިރު 117،339 މީހުންނަށްވުރެ ގިނަ މީހުންނަށް މިހާރު މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ. އަދި 60،000 އަށްވުރެ ގިނަ މީހުން މިބަލިން ސަލާމަތްވެސް ވެފައިވެއެވެ.
ހޮންގްކޮންގް ގައި ވެސް މިބަލި ފެތުރިފައިވާތީ، އެޤައުމުގެ ރައްޔިތުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މާސްކު ނާޅާ ތިބޭ މީހުންނާއި އެހެން ރައްޔިތުން ދުރަށްޖެހޭ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

އެހެންކަމުން ހޮންގްކޮންގް ގެ ވިޔަފާރިވެރިއެއް ކަމަށްވާ ލާލާ އަލް ޝެއިޚް ވަނީ ރައްޔިތުންނަށް ހިލޭ މާސްކާއި ހޭންޑް ސެނިޓައިޒާ އަދި އަންގި ބަހަން ފަށާފައެވެ.
އެހެން ޤައުމުތަކުން މުދާ ގެނެސްގެން ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ލާލާ، އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ވިޔަފާރިން ލިބޭ އާމްދަނީގެ ބޮޑު ބައިން އޭނާ މިހާރު ގަންނަނީ މާސްކާއި އެފަދަ ތަކެތި ކަމަށެވެ. ގަނޑުކޮށް އެތަކެތި ގަތުމަށްފަހު އޭނާ އާއި އޭނާގެ އާއިލާ، ހޮންގްކޮންގް ގެ ރައްޔިތުންނަށް އެތަކެތި ހިލޭ ބަހާ ކަމަށެވެ.

"މިއީ އަހަރެން ހެޔޮ ހިތުން ކޮށްދޭ ކަމެއް. އިންސާނާ މަރުވުމަށްފަހު މިދުނިޔެއިން ގެންދާނީ އެމީހަކު ކުރާ ހެޔޮ ޢަމަލެއް އެކަނި ދޯ. އެހެންވެ އަހަރެން ގަސްދުކުރީ އެތަކެތި އެންމެންނަށް ވެސް ފޯރިކޮށްދޭން" ލާލާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!