ބޭނުން ކޮންމެ އެއްޗެއް ކައިގެން، ބަރުދަން ލުއި ކުރެވިދާނެ ގޮތެއް
ބަރުދަން ލުއި ކުރަން އެކި ކަހަލަ ޑައިޓްތައް ފޮލޯ ކުރުން އޮވެއެވެ. ގިނަ ޑައިޓް ޕްލޭންތަކަކީ އެމީހަކު ކާން ބޭނުންވާ ކިތަންމެ އެއްޗެއް ދޫކޮށްލަން މަޖުބޫރު ކުރާ އެއްޗަކަށް ވުމުން، މިފަދަ ޑައިޓްތައް ފޮލޯ ކުރަން އުނދަގޫވެއެވެ. އެކަމަކު، ބޭނުން ކޮންމެ އެއްޗެއް ކެވޭ ޑައިޓެއް ކިހިނެއްވާނެ ހެއްޔެވެ؟
މި ޑައިޓުގައި އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ތިބާ ބޭނުން ކޮންމެ އެއްޗެއް ވެސް ކާންވީއެވެ. މި ޑައިޓަށް "އިންޓަރމިޓެންޓް ފާސްޓިން" ނުވަތަ "ޓައިމް ރެސްޓްރިކްޓެޑް އީޓިން" ވެސް ކިޔައެވެ. މި ލިޔުމުގައި މިއަށް "އާފްޓަރ ސިކްސް ޑައިޓް" ކިޔަމާ ހިނގާށެވެ. މި ހިއްސާ ކޮށްލަނީ މި ޑައިޓް ޕްލޭންގެ ކަމުދާ ބައެއް ކަންކަމާއި، ކަމުނުގޮސްފާނެ ބައެއް ކަންކަމެވެ.
ކަމުދަނީ ކީއްވެ؟
ދިރާސާތަކުން ދައްކާ ގޮތުގައި، އިރުއޮއްސި ހައެއްގެ ފަހުން ނުކެއުމަކީ ބަރުދަން ލުއިވުމުގެ އިތުރުން، ސިއްޙީ އެހެނިހެން ފައިދާތައް ވެސް ލިއްބައިދޭ ކަމެކެވެ.
މި ޑައިޓަށް ބައެއް މީހުން "އެއިޓް އަވަރ ޑައިޓް" ކިޔައިއުޅޭއިރު، މި ޕްލޭން ފޮލޯ ކުރާ މީހުން ކެއުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށެވެ.
މި ޕްލޭން މަގުބޫލުވީ، މުސްލިމުން ހިފާ ރޯދައިން ލިބޭ ފައިދާތައް ވެސް ބަލައި ދިރާސާ ވެސް ކުރުމަށް ފަހުގައެވެ.
ބައެއް ޔުނިވަރސިޓީތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ފާސްޓިންގައި ހުރެ ބަރުދަން ލުއި ކުރުމަކީ ލޯ ކެލަރީ ޑައިޓަކަށް ޢަމަލު ކުރުމަށްވުރެ، މާ ރަނގަޅު ގޮތެކެވެ. ބައެއް މީހުންނަށް ކާން ބޭނުންވާ ހުރިހައި އެއްޗެއް ކެއުން ހުއްޓައިލައި، ވަކި ބާވަތްތަކެއްގެ އެއްޗެހި ކާން މަޖުބޫރުވުން ވެގެންދަނީ މާ އުނދަގޫ ކަމަކަށެވެ. އެއާ ޚިލާފަށް "އާފްޓަރ ސިކްސް ޑައިޓް"ގައި ބޭނުން ކޮންމެ އެއްޗެއް ވެސް ކެވެއެވެ. އަންނަނީ ނުކެވޭނެ ގަޑިތަކެއް އެކަންޏެވެ.
ކަމުނުދަނީ ކީއްވެ؟
އާފްޓަރ ސިކްސް ޑައިޓް ކުރަން އުނދަގޫ ވެދާނެ މީހުންވެސް އުޅޭނެއެވެ.
ރޭގަނޑު ލަސް ވަންދެން މަސައްކަތުގައި އުޅޭ މީހުންނާއި، ރޭގަނޑު ލަހުން ކެއުމަށް އާދަވެފައިވާ މީހުންނަށް މިއީ އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަދި ސިއްޙީ އެއްވެސް ސަބަބެއް މެދުވެރިވެގެން، އަވަސް އަވަހަށް ކޮންމެވެސް މިންވަރެއް ކާން ޖެހޭ މީހެއް ކަމުގައި ވިޔަސް، މި ޑައިޓް ކުރުން ވާނީ ގޮންޖެހުމަކަށެވެ.
ީއެހެންނަމަވެސް މިއީ ގިނަ ބަޔަކު ތަޖުރިބާ ކުރަމުން އަންނަ، އެދެވޭ ނަތީޖާ ފެންނަ ޑައިޓެކެވެ. ބަރުދަން ލުއި ކުރަން ބޭނުންނަމަ، މި ގޮތް ޓެސްޓު ކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟