ޕާކިސްތާނު ސިފައިން ވައިގެ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާ "ނާކާމިޔާބު" ކޮށް، ނުވަ ހަނގުރާމަވެރިން މަރާލައިފި
ޕާކިސްތާނުގެ މެދުތެރޭގެ މިޔަންވާލީ ސަރަހައްދުގައި ހުންނަ ވައިގެ ސިފައިންގެ ތަމްރީނު ދޭ މަރުކަޒަކަށް ހަނގުރާމަވެރިންތަކެއް ހަމަލާދިން ނަމަވެސް ސިފައިން ވަނީ ހަމަލާ ނާކާމިޔާބުކޮށްލައި ހަމަލާދިން މީހުންގެ ތެރެއިން ނުވަ މީހަކު މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.
"ސިފައިންގެ ހަލުވި އަދި ހަރުދަނާ އިޖާބަގެ ސަބަބުން ،[ހަމަލާ] ނާކާމިޔާބުކޮށް ނާކާމިޔާބުކޮށް، ސިފައިންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިއްޖެ،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާގައި ގްރައުންޑްކޮށްފައިވާ ތިން މަތިންދާ ބޯޓަކާއި ފިއުލް ޓޭންކަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި އަހަރު އެ ގައުމުގައި ގިނަ ހަމަލާތަކެއް ދިން ތަހްރީކޭ ޖިހާދު ޕާކިސްތާން (ޓީޖޭޕީ) ގެ ނަމުގައި އަލަށް އުފެއްދި ޖަމާއަތުން ހޮނިހިރު ދުވަހުގެ ހެނދުނުގެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ އެ ޖަމާއަތުގެ ތަރުޖަމާނު ނޫސްވެރިންނަށް ފޮނުވި ބަޔާނެއްގަ އެވެ.
އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް ވަނީ އެ ހަމަލާއަށް ރައްދު ދިނުމުގައި ޕާކިސްތާނުގެ ވައިގެ ސިފައިން ކުރި މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ސެކިއުރިޓީ ގެއްލުވާލަން ކުރާ ކޮންމެ މަސައްކަތަކާ ކުރިމަތިލާނީ ސާބިތުކަމާ އެކީގައި،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ވިދާޅުވި އެވެ.
މި ހަމަލާ ދީފައި މިވަނީ ހުޅަނގު ދެކުނު ބަލޫޗިސްތާން ޕްރޮވިންސްގައި އަސްކަރީ ގާފިލާއަކަށް ދިން ހަމަލާއެއްގައި 14 ސިފައިން ޝަހީދުވިތާ އެއް ދުވަސް ފަހުންނެވެ. މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ވެސް ފުލުހުން ދަތުރުކުރި ވެހިކަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ޕާކިސްތާނުގައި މިއަހަރު ހަމަނުޖެހުންތައް އިތުރުވެފައިވާއިރު، މައިގަނޑު ގޮތެއްގައި ގުޅިފައި ވަނީ އަފްޣާނިސްތާނުގެ ތާލިބާނުންނާ ފިކުރީ ގޮތުން ގުޅިފައިވާ މަނާ ޖަމާއަތެއް ކަމަށްވާ ޓީޖޭޕީ އާއި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަރަކާތްތައް އިތުރުވުމާ އެވެ.