ލާދީނީ ފިކުރުގެ މީހުން ރަސޫލާ(ޞޢވ)ގެ ޒަމާނުގައި އުޅުނުނަމަ، އުޅޭނީ އަބްދުﷲ ބިން އުބައްޔުގެ ޖަމާޢަތުގައި: ޝެއިޚް ނިޝާން
މުސްލިމުންގެ ތެރޭގައި މިހާރު މިއުޅޭ ލާދީނީ ސެކިއުލާ ފިކުރުގެ މީހުން ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) ގެ ޒަމާނުގައި އުޅުނުނަމަ، އެމީހުން އުޅޭނީ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލުގެ ގްރޫޕް/ޖަމްއިއްޔާ ގައި ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން އަލީ އާދަމް ވިދާޅުވެއްޖެއެވެ.
ޝައިޚް ނިޝާން މިހެން ވިދާޅުވެފައި މިވަނީ ކީރިތި ރަސޫލާ (ޞޢވ)ގެ އެންގެވުންތަކަކަށް ތުހުމަތު ކުރާފަދަ ގޮތަކަށް މަންދު ކޮލެޖުގެ ބާނީ އަދި އެމްޑީއެންގެ އެއް ފައުންޑަރ ޝަހިންދާ އިސްމާއީލްގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
އިބްރާގެ ޓުވީޓްގައި ސުވާލުކޮށްފައިވަނީ މިއަދު ކީރިތި ރަސޫލާ (ޞޢވ) ދުނިޔޭގައި ހުންނެވިނަމަ، އަންގަވާނީ ގިނައިން ސަލާމް ކުރަންތޯ ނުވަތަ ނޫންތޯ އެވެ.
އަބްދުﷲ ބިން އުބައްޔުއަކީ، މަދީނާއަށް ރަސޫލާ (ޞޢވ) ވަޑައިގެންނެވުމަށްފަހު އިސްލާމްދީނަށް ގޮވާލެއްވުމުން އިސްލާމްދީން ޤަބޫލުކުރި މީހެކެވެ. ނަމަވެސް އޭނާ ދިޔައީ ރަސޫލާ (ޞޢވ) ގެ އެންގެވުންތަކަށް ގޮންޖައްސަވާ އެއެންގެވުންތަކާއިމެދު ސުވާލު އުފައްދަމުންނެވެ. އެހެންކަމުން އޭނާއަކީ "ދެއްކުންތެރިންގެ ލީޑަރު" (މުނާފިޤެއް) ގެ ގޮތުގައި އެޒަމާނުގައި ވަނީ ފާހަގަކޮށްފައެވެ.