ދުނިޔެ

ގުޖުރާތުގައި އާ ޑައިމަންޑް ހައުސްއިން 150،000 ވަޒީފާ އުފެދޭނެ: އިންޑިއާގެ މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ސޫރަތު ޑައިމަންޑް ބޯސްގެ ސަބަބުން 150،000 އާ ވަޒީފާ އުފެދި، ފަންނާނުންނާއި ވިޔަފާރިވެރިންގެ "ވަން ސްޓޮޕް ޝޮޕަކަށް" ވެގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގުޖުރާތުގައި އާ ބޯސް ހުޅުއްވައިދެއްވަމުން ވިދާޅުވި އެވެ.

Ads by Sosun Fihaara

މޯދީ އެންމެ ފުރަތަމަ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓްގެ ސޫރަތުން ދުނިޔޭގެ 90 އިންސައްތަ ރަފް ޑައިމަންޑް ކަނޑާލައި ޕޮލިޝްކުރާއިރު، ދުނިޔޭގެ ޑައިމަންޑް ކެޕިޓަލަކަށް ވުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް ބޯސް އިން ތާއީދު ކުރާނެ އެވެ.

6.6 މިލިއަން އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ބޯސް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ ގޮތުގައި ސިފަކުރެވެނީ 6.5 މިލިއަން އަކަފޫޓުގެ ސަރަހައްދެއް އޮންނަ ޕެންޓަގަން ފަހަތަށް ޖައްސާލައިގެންނެވެ.

އިންޓަނޭޝަނަލް ބޭންކިން، ސޭފް ވޯލްޓްސް އަދި ޖުވެލަރީ މޯލް ފަދަ ވަސީލަތްތައް ހިންގަން ފެށުމުން އިތުރު ވަޒީފާތައް އުފެދިގެން ދާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

ސޫރަތުގެ ޑައިމަންޑް އިންޑަސްޓްރީ އިފްތިތާހުކޮށްފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޮލިޝްކޮށްފައިވާ ޑައިމަންޑަށް އޮތް ޑިމާންޑް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭޕްރީލް-އޮކްޓޯބަރު މަހުގެ ނިޔަލަށް އިންޑިއާއިން ޕޮލިޝްކުރި ޑައިމަންޑް އެކްސްޕޯޓް 29 އިންސައްތަ ދަށަށް ގޮސް 10 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.

މޯދީ ވިދާޅުވީ ޑައިމަންޑް ގަހަނާ އެކްސްޕޯޓްކުރުމާއި ސިލްވާ ކަޓް ޑައިމަންޑް އަދި ލެބުން އުފައްދާ ޑައިމަންޑް އެކްސްޕޯޓް ކުރުމުގައި ސޫރަތުގެ ޑައިމަންޑް އިންޑަސްޓްރީ އެންމެ ކުރީގައި އޮތް އިރު، ދުނިޔޭގެ ޖެމްސް-ޖުވެލަރީ އެކްސްޕޯޓްކުރުމުގައި އިންޑިއާގެ ހިއްސާ ހުރީ އެންމެ 3.5 ޕަސެންޓްގައި ކަމަށެވެ.

މޯދީ ވިދާޅުވީ ސޫރަތުގެ ސަބަބުން ޖެމްސް-ޖުވެލަރީ އެކްސްޕޯޓް ކުރުމުގައި އިންޑިއާގެ ހިއްސާ "ޑަބަލް ޑިޖިޓް" އަށް އިތުރުކުރެވޭނެ ކަމަށެވެ.

އަދި މި ދާއިރާއަކީ ތަފާތު އިނާޔަތްތަކާއެކު އަދި އެކްސްޕޯޓް ޕްރޮމޯޝަންގެ ފޯކަސް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅައިގެން އެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!