ގޫގުލް ވޯކްޕްލޭސް ހިލޭ، ރިމޯޓްކޮށް ކިޔަވައިދިނުމަށް ބޮޑު ލުޔެއް
ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ ސްކޫލުތަކާއި އޮފީސްތައް ބަންދު ކުރުމާއިއެކު ގޫގުލް ގެ ވޯކްޕްލޭސް ހިލޭ ކުރުމަށް ނިންމައިފިއެވެ. ގޫގުލް ވޯކްޕެލޭސް ގެ ހޭންގްއައުޓް މީޓް ވީޑިއޯ ކޮންފެރެންސް ގެ ހިދުމަތް ކުރިން ލިބެނީ ފައިސާ ދައްކައިގެންނެވެ. ގޫގުލް އިން ހިލޭ މި ހިދުމަތް ފޯރުކޮށްދޭނީ މިއަހަރުގެ ޖުލައި މަހާއި ހަމައަށެވެ.
ގޫގުލް އިން ވަނީ އެ ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި މިކަން ހާމަކޮށްފައެވެ. ގޫގުލް އިން އިތުރަށްް ބުނި ގޮތުގައި މި ހިދުމަތް ހިލޭ ކުރުމުގެ މައިގަނޑު މަގުސަދަކީ ކޮރޯނާ ވައިރަހުގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންނާއި، ދަރިވަރުން ގޭގައި ތިބެގެން އެންމެ ފުރިހަމައަށް ބޭނުން ވާ ކަންތައްތައް ފަހިކޮށްދިނުމެވެ. މިފަދަ ކަންކަމުގައި ގޫގުލް ގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ހޭންގައުޓްސް މީޓްއަކީ ގޫގުލް ޝީޓްސް އާއި ގޫގުލް ޑޮކްސް ފަދައިން ގޫގުލް ޖީ ސޫޓް ގައި ހުންނަ ހިދުމަތެކެވެ. އެ ފީޗަރގެ ތައުލީމީ ވާރޝަން އެއްގެ އިތުރުން ވިޔަފާރިތަކަށް ހާއްސަ ޕްރިމިއަމް ފީޗަރ އެއްވެސް އިނދެއެވެ. މި ހުރިހާ ހިދުމަތެއް ޖުލައި މަހާއި ހަމައަށް ހިލޭ ލިބިގެންދާއިރު އެ ހިދުމަތްތަކުގެ ތެރޭގައި 250 މީހުނަށް އެއް ފަހަރާއި ގުޅުން، 100،000 މީހުން ހިމަނައިގެން ލައިވް ސްޓްރީމް ކުރުން އަދި މީޓިން ތައް ރެކޯޑުކޮށް ގޫގުލް ޑްރައިވްއަށް ސޭވް ކުރުމުގެ ހިދުމަތް ހިމެނެއެވެ.
ކޮރޯނާ ވައިރަސް ގެ ބިރު އިންތިހާއަށް ބޮޑުވެ ގިނަ ގައުމުތަކުން ވަނީ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދު ކޮށްފައެވެ. އަދި ގިނަ އޮފީސްތަކުން ވެސް އަންނަނީ މުވައްޒަފުން ގޭގައި ތިބޭ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ މިހާރު 156,056 އަރާފައެވެ.