ކޮވިޑް19: ޓޫރިޒަމް ދާއިރާގައި އުޅޭ 50 މިލިއަން މީހުނަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރު
ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ޓްރަވެލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 50 މިލިއަން މީހުންގެ ވަޒީފާ ގެއްލިދާނެކަމަށް ވޯރލްޑް ޓްރަވެލް އެންޑް ޓޫރިޒަމް ކައުންސިލްއިން ލަފާކޮށްފިއެވެ.
އެ ކައުންސިލް ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ ޓްރަވެލް ރޭޓު 25 އިންސައްތައަށް އަސަރުކުރާނެއެވެ. އެއީ ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ހިސާބުތަކުން ތިން މަސް ދުވަހުގެ ތެރޭގައި ކުރާ ދަތުރެވެ. އެކަމުގެ ސަބަބުން 12 އާއި 14 ދެމެދުގެ އިންސައްތައަކަށް ވަޒީފާގެ ފުރުސަތުތައް މަދުވެގެން ދާނެކަމުގައިވެސް އެ ކައުންސިލުން ލަފާކުރެއެވެ.
އެ ކައުންސިލް ގެ ރައީސް ގްލޯރިއާ ގުއިވޭރާ ބުނި ގޮތުގައި ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރާނެއެވެ. އަދި ހާއްސަކޮށް ޓްރަވެލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތަކަށް ބޮޑު އަސަރެއް ކޮށް50 މިލިއަނެއްހާ މީހުނަށް ވަޒީފާ ގެއްލުން ވަރަށް ގާތެވެ. މިބަލިމަޑުކަން ދުނިޔެއިން ފިލައިދިއުމުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވެސް ފާހަގަކުރިއެެވެ.
ވައިރަހުގެ ސަބަބުން ބޮޑެތި ގިނަ ސިޓީތަކެއް އަންނަނީ ލޮކްޑައުން ކުރަމުންނެެވެ. އަދި ސުކޫލުތަކާއި އޮފިސްތައް ވެސް ބަންދުކުރަމުން އަންނައިރު މިހާތަނަށް 155000 ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ވަނީ ފެނިފަ އެވެ. އަދި 5,821 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.