އާސަންދަ ސްކީމުގެ އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ފަށައިފި
ދައުލަތުގެ ހެލްތް އިންޝިއުރެންސް ސްކީމް، އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، އަގުތައް މުރާޖާއާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
އާސަންދައިގެ ދަށުން މިދިޔަ އަހަރު ކުރި ހަރަދު ކަނޑައެޅި ބަޖެޓަށް ވުރެ ދެ ގުނަ ބޮޑެވެ. އެގޮތުން އާސަންދަ އަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ރޭ ޕީއެސްއެމްގެ ''ރާއްޖެމިއަދު'' ޕްރޮގްރާމްގައި އާސަންދަ އެމްޑީ ވިދާޅުވީ، ސްކީމުގެ ހަރަދުތައް މުރާޖާއާ ކުރުމުގެ މަސައްކަތް އެންސްޕާއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
''މިހާރު ތަންތަނުގައި ދީފައި ހުންނަ އަގުތައް ބަލައި އަގުތައް މުރާޖައާކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެވެސް ޕްރައިވެޓް ތަންތަނުގެ އަގުތައް މުރާޖާއާކޮށް ފަށަން ތައްޔާރުވަން ފަށާފައިވަނީ'' ޒީނިއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑޭޓާތަކަށް ނަގަން ފަށާފައި ކަމަށާއި، ސްކީމުގެ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. ޒީނިއާ ވިދާޅުވި ގޮތުގައި އާސަންދަ ސްކީމަށްވުމުން ބޭރު ގައުމުތަކުގެ އަގުތައް ދެނީ ބޮޑުކޮށް ކަމަށް ޝަކުވާ ލިބެމުންދެއެވެ.
އެހެންކަމުން އަގުތައް މުރާޖާއާ ކުރުމުގައި ކުރީގެ ބިލްތަކަށްވެސް ރިޔާއަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިީ، އާސަންދަ އަކީ ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރާ ސްކީމަކަށްވާތީވެ އަގުތަކަކީ މިހާރު ކިހާވަރަކަށް 'އެފޯޑްކުރެވޭނެ' އަގުތަކެއްތޯ އަދި އަގުތައް ރިވައިޒް ކުރެވިގެންދާނީ ކިހިނަކުންތޯ ބަލާނެ ކަމަށެވެ.
އަމާޒަކީ ހަރަދުތައް ކުޑަކޮށް އާސަންދައިގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި، ދައުލަތަށްވެސް ބުރަ ބޮޑުނުވެ ބައްޓަންކުރެވޭނެ ގޮތެއް ގާއިމުކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.
މެޑިކަލް ޗެކަޕްއާ އެކު ހަރަދުތައް ބޮޑުނުވާނެ
މެޑިކަލް ޗެކަޕްއާ އެކު އާސަންދައިގެ ހަރަދުތައް ބޮޑުވާނެތޯ އެ ޕްރޮގްރާމްގައި ސުވާލުކުރުމުން ހީނާ ވިދާޅުވީ، މާބޮޑުތަނުން ހަރަދުތައް ބޮޑު ނުވާނެ ކަމަށެވެ. ސަބަބަކީ އެ ހިދުމަތް ދޭނީ ސަރުކާރުގެ ސިއްހީ ފަރުވާދޭ ތަންތަނުން ކަމަށްވާތީ ކަމަށެވެ.
''ހަގީގަތުގައި މީގެ ސަބަބުން މާ ބޮޑު ބުރައަކަށްވެގެން ނުދާނެއޭ އަޅުގަނޑު ދަންނަވާނީ'' ހީނާ ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ އާސަންދަ މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް އަހަރަކު ދެ ފަހަރަކު މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެގޮތަށް ނިންމާފައިވަނީ މިފަދަ ސިއްހި މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެއް ނަމަވެސް، 'އިންފާޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
އަދި އެކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާ ގުޅޭގޮތުން ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ