ޚަބަރު

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ސޮއިކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by MWSC

މިއަދު އެކުލަވާލެވުނު މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއްމަސް ދުވަސް ފަހުން ހުޅުމާލޭގައި މުނިސިޕަލް ހުރިހާ ޚިދުމަތެއް ދޭން ފަށާނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހަމަ އެހެންމެ މި އެއްބަސްވުމުގެ ދަށުން އާބަންކޯގައި ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއި، ރަށްވެހިކަމުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ތަރައްޤީ ކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި އެކަމާ ގުޅޭ ވެހިކަލްތަކާއި ޓޫލުސްތަކާއި އަދި އިކުއިޕްމަންޓްސް މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށްވެސް އެއްބަސްވެފައި ވެއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް، އޮފީސް ޖާގަ މިއަދުން ފެށިގެން 12 މަސް ދުވަހަށް އަގެއް ނެގުމަކާ ނުލައި އާބަންކޯ އިން ސިޓީ ކައުންސިލާ ހިއްސާކުރުމަށްވެސް އެއްބަސްވެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.

މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!