ދިވެހި އަސްކަރިއްޔާއިން ދިނީ ދިވެހިންގެ ކަނޑު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އަދި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާކުތެރިކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާނެ ކަމަށް ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ދީފިއެވެ.
އެމްއެންޑީއެފުން އެހެން ބުނީ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ. މަހިބަދޫ އަސުރުމާ 3 އަށް އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު އެރި މައްސަލައާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ކަމަށާއި ރާއްޖޭގެ ސަރަހައްދުގައި، އިންޑިއާއިން ހިންގީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި، އުސޫލުތަކާ ހިލާފު އޮޕަރޭޝަނެއްކަމަށެވެ. އެ އޮޕަރޭޝަނުގެ ތަފްސީލް ދިވެހި ސަރުކާރާ ހިއްސާކުރުމަށް ވެސް އިންޑިއާގައި އެދިފައިވާނެކަމަށް ދިފާއި ވުޒާރާގެ ބަޔާނުގައި ބުންޏެވެ.
އެ ވުޒާރާއިން ބުނީ މަސްވެރިކަން ކުރަމުން އަންނަނިކޮށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބިކަމުގެ މައުލޫމާތު ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު އެމްއެންޑީއެފް ނޮދަން އޭރިއާގެ އޮޕަރޭޝަނެއްގައި އެ ވަގުތު ހަރަކާތްތެރިވި، އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ދަތުރުކުރިކަމަށެވެ.
އަދި އެ ވަގުތު އެ ދޯނީގައި ތިބި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުނު ކަމަށް ވެސް ބުންޏެވެ.
''ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އަދި ހާއްސަ އިގްތިސާދީ ސަރަހައްދު ރައްކާތެރިކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއި ބާރުން ކެނޑިނޭޅި ކުރަމުންދާގެކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ'' ދިފާއީ ވުޒާރާގެ ބަޔާން ނިންމާލަމުން ބުންޏެވެ.