ބޭރު ދުނިޔެ

ކޮވިޑް19:ކޮރޯނާާ ވައިރަހަށް ޓެސްޓުކުރާ ފޭކް ކިޓްތަކެއް އެމެރިކާއިން އަތުލައިގެންފި

ކޮރޯނާ ވައިރަހަށް ޓެސްޓުކުރާ ފޭކް ކިޓުތަކެއް އެމެރިކާގެ އެއާޕޯޓަކުން އެ ގައުމުގެ ކަސްޓަމްސް އޮފިޝަލު އަތުލައިގަނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިކިޓްތައް ހުރީ ކޮރޯނާ ވައިރަހުގެ ޓެސްޓު ކިޓްގެ ލޭބަލް ވެސް ހަރުކޮށްފައެވެ.ނަމަވެސް ކަސްޓަމްސް އިން ބެލި ބެލުމުން އެނގުނު ގޮތުގައި އޭގައި ހުރީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އާންމު ކޮށް ބޭނުން ކުރާ ވޯޓަރ ވައިލްސް އެވެ. އަދި އޭގެ އަސްލު އަގު 200 ޑޮލަރަށް ވެސް ނާރާނެކަން ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން އާންމުން ސަމާލުވެ ތިބުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އަންގާފައެވެ. އަދި ކޮންމެ ކޮންމެ ތަނަކުން މިފަދަ އެއްޗެހި ނުގަތުމަށާއި އިތުބާރު ހިފޭ ސިއްހީ ހިދުމަތް ދޭ ތަންތަނުން ތަކެތި ގަތުމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

އެމެރިކާގައި އާންމުން ބައްޔަށް ޓެސްޓުކުރާ އުސޫލާމެދު އާންމުން ގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. ވަައިރަހާއި ގުޅިގެން އެމެރިކާގެ ރައީސް ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު އެގަައުމުގެ 3807 މީހުން ވަނީ ވައިރަހަށް ޕޮސިޓިވް ވެފައެވެ. އަދި 60 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މުޅި ދުނިޔެެއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 169,610 އަރާފައެެވެ. ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވުނަސް އެހެން ގައުމުތަކުގައި ވައިރަސް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އިއްޔެ އެކަނި ވެސް ބަލި ޖެހުނު 684 މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,518 އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!