ސަރުކާރު ހަމަޔަަކަށް އަޅުވާނީ މަޖިލީސް ތެެރެއިން: ސޯލިހު
މި ސަރުކާރު ހަމަ މަގަަށް އަޅުވާނީ ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ މަޖިލީސް އިންތިހާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށެވެ.
''އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އަޅުވަން. ދޮގު ނަހަދަން ޑރ މުއިއްޒަށް ދަންނަވަން. އޮޅުވާނުލުމަށް އަޅުގަނޑު ދަންނަވަން މި ސަރުކާރަށް'' ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވި ގޮތުގައި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިހާބު ތެރޭގައި ހެދި ދޮގުތަކާއި އުފެއްދު ނަފުރަތާއި އޮޅުވާލުންތަކުން ރައްޔިތުންނަށް ހާމަވާން ފަށައިފިއެވެ. ރައްޔިތުން އެކަމާއި ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ފެށި މަޝްރޫއުތައް، މި ސަރުކާރު އައުމަށް ފަހު ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރައްޔިތުންގެ ހެވާ ލާބައަށް އެތައް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.
"ފެނާއި ނަރުދަމާ ކަރަންޓާ ލަފާ ފުރުމުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ. މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަނެއް ނުފެނޭ" މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަކީ އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު ފެށި މަޝްރޫއުތައް ކަމަށް ވިދާޅުވިއެވެ. ''އެއީ އާ މަޝްރޫއުތައް ކަމަށް ހަދާ އޮޅުވާ އެބަ ލާ'' ސޯލިހު ވިދާޅުވިއެވެ.
ސަރުކާރަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން އެމަނިކުފާނު ވިދާޅުވީ ލޯމަރާލައިގެން ތިބެވޭކަށް ނެތް ކަމަށާއި ގައުމު ދަނީ ފުން އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅުއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުވެ ވެވަޑައިގެންނެވި ވައުދަށް އިޝާރާތް ކުރައްވާ ސޯލިހު ވިދާޅުވީ އެއީ މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި އެއްވެސް ވަރަަކަށް ގެންގުޅުނު ވިސްނުންތަކެއް ނޫން ވެސް ކަމަށެވެ. މި ސަރުކާރުން އަޅަން ނިންމާފައިވާ އިސް ރަށްވެހިންގެ މަރުކަޒުގެ ވައުދަށް އިޝާރާތްކުރައްވާ ސޯލިހު ވިދާޅުވީ އިސްރަށްވެހިންގެ މަރުކަޒު އެޅުމަކީ އެމަނިކުފާނު ސަރުކާރުގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.