ޚަބަރު

ފެބްރުއަރީ 7 ގައި ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަ ބެލޭނެ: ނަޝީދު

ހަތެއް ފެބްރުއަރީ 2012ގައި ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ހިނގާދިޔަ ހާދިސާތަކުގައި ނުކިޔަމަންތެރިކަން ދެއްކި ފުލުހުންގެ މައްސަލަތައް ބެލޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުން ކަމަށެވެ. އިންތި ވިދާޅުވީ ފުލުހުންނާ މެދުގައި ރައްޔިތުންގެ އިތުބާރު އުފައްދަން ބޭނުންވާ ކަމުގައިވާ ނަމަ އެ އަނިޔާތަކާއި ގެއްލުން ދިވެހި ދައުލަތަށް ދިން ފުލުހުން ކޮބައިތޯއާ މިއަދު ވެސް އެ މުއައްސަސާތަކުގެ ތެރޭގައި އެބަ ތިބިތޯ ބަލާ އެ ސުވާލުތަކަށް ރައްޔިތުންނަށް ޖަވާބު ދޭންޖެހޭނެ ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ "ނުކިޔަމަންތެރިކަން އުފެއްދި ފުލުހުންނާ" ދޭތެރޭ ވަކިވަކިން ތަހުގީގު ހިންގުމުގެ ބާރު މަޖިލިސް މެމްބަރުންނަށް ހުޅުވާލެވިފައިވާކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި މަޖިލީހުގެ ގަވާއިދު ޖާގަދޭ ގޮތުގައި އިއްޒަތްތެރި މެންބަރުން މި ބިލު ކޮމެޓީއަށް ގެންދަވާ ވަކިވަކި ފުލުހުންނާ ދޭތެރޭ އެ ތަހުގީގު ހިންގޭނެ. އެއީ މެންބަރުންނަށް ލިބިފައިވާ ބާރެއް. އަދި ކޮމެޓީއިން އެ ތަހުގީގު ހިންގަވާ، އެކަމާ ގުޅޭގޮތުން ނިންމަވަންވާ ގޮތްތަކެއް މި ތަޅުމަށް މެންބަރުންނަށް ގެންދެވޭނެ." ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!