ހައިސްޕީޑް ރޭލުގެ ޚިދުމަތާއެކު ސްކޫލު ބަންދާ ދިމާކޮށް މި އަހަރުގެ އެޕްރީލް ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މައްކާއިން މަދީނާއަށް ކުރާ 06 ނުވަތަ 08 ގަޑިއިރުގެ ބަސް ދަތުރުގެ ބަދަލުގައި ހައި ސްޕީޑް ޓްރެއިންގައި 02 ގަޑިއިރު ނުވަތަ 02 ގަޑިއިރާ 20 މިނެޓުން މަދީނާއަށް ދަތުރު ކުރުމުގެ ފުރުޞަތު ލިބޭ މި ދަތުރުގައި 02 ޢުމްރާ ވުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބޭނެ ކަމަށެވެ.
ސަޢުދީ އެއާލައިންސްގެ ޑައިރެކްޓް ފްލައިޓެއްގައި ކުރުމަށް ހަމަޖެހިފައިވާ މި ޢުމްރާ ޕެކޭޖްގައި ހިމެނޭ ޙިދުމަތްތަކުގައި ތެރޭގައި، ޢުމްރާ ވިސާ، ދަތުރުގެ ދެކޮޅު ޓިކެޓް، ފެންވަރު ރަނގަޅު ހޮޓެލްއެއްގައި ތިބުމުގެ އިންތިޒާމް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރު ކްލިނިކްގެ ހިދުމަތް، ރަހަ މީރު ދިވެހި ކެއުންތައް، ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާރޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)، މާއްކާ އަދި މަދީނާއަށްކުރާ ޒިޔާރަތް ދަތުރު، ދީނީ ޢިލްވެރިން ދެއްވާ ދަރުސްތަކުގެ އިތުރުން ޢުމްރާއާ ގުޅޭ ތަމްރީނުތައް ދިނުމާއި ޢުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުގެ ބޭރުން މައްކާ އަދި ޖިއްދާ ބާޒާރު ދަތުރު، ޠާޢިފް ދަތުރު، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ހިމެނޭ ޢަޤީޤާ، ޢުޟްހިޔާ ކަތިލުމުގެ ފުރުޞަތުވެސް މި ދަތުރުގައި ބައިވެރިންނަށް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެޕްރީލު ޢުމްރާ ދަތުރަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 29,965.00 ރުފިޔާއެވެ.
ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އެކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް (ފަހެލި) މެދުކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި ޕެކޭޖާ ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ނަންބަރު 3011000، 7961012، 9482292 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.