އައިޔޫއައި އާއި އައިވީއެފްގެ ފަރުވާއަށް އެދެން ހުޅުވާލައިފި
ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފްގެ ފަރުވާ އާއި އައިޔޫއައި ފަރުވާގެ އެހީ ހޯދަން ހުށަހަޅަން ހުޅުވާލައިފިއެވެ.
އެ ދެ ހިދުމަތް އާސަންދައިގެ ތެރެއިން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުތަކެކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ސަރުކާރު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ، އައިވީއެފްގެ ހިދުމަތަށް މޭ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ. އަދި އައިޔޫއައި އެހީ ހަމަޖައްސަނީ ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ތިން ފަރާތަކަށެވެ.
އައިވީއެފްއަށް ޕޮއިންޓު ދިނުމުގައި ބަލާނެ ކަންތައްތައް
- ދެމަފިރިންގެ ކައިވެނީގެ މުއްދަތު އަދި އަނބިމީހާގެ އުމުރު (50 ޕޮއިންޓް)
- ދެމަފިރިންގެ އާމްދަނީގެ މިންވަރު (40 ޕޮއިންޓް)
- ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ދަރިއެއް ދުނިޔޭގައި ނެތް ނަމަ (25 ޕޮއިންޓް)
- ދެމަފިރިން/އާއިލާގެ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތް (10 ޕޮއިންޓް)
- މީގެ ކުރިން އައިވީއެފްގެ ފަރުވާ ހޯދާފައިވާ މިންވަރު (25 ޕޮއިންޓް)
އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅި ފަރާތަށް އަންގަމުންދާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
އަދި ފޯމު ހުށަހެޅުމަށް ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އައިވީއެފް އާއި އައިޔޫއައިގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު ފަރާތްތަކަށް ވެސް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެއެވެ. އަދި އެފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް އެ ލިސްޓު އާއްމުކޮށް ޝާއިއު ކުރާނެ ކަމަށްވެސް އާސަންދައިން ކުރި އިއުލާނުގައި ބުންޏެވެ.