މަޖިލީސް އިންތިހާބު އޮންނަ ދުވަހާއި، ހޯމަ ދުވަސް ބަންދު ދުވަހެއް ގޮތަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އެޕްރީލް 21 ވާ އާދީއްތަ ދުވަހަކީ، މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީއެވެ.
އަދި ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫންވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާތީއެވެ.