މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ ހިއްސާކޮށްދިނުމަށް އެދިއްޖެ

މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ ފޮޓޯ މާލެ ސިޓީ ކައުންސިލާއި ހިއްސާކޮށްދިނުމަށް އެ ކައުންސިލުން އެދިއްޖެއެވެ.
އެ ކައުންސިލުން ބުނީ، މާލެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް މިހާރު ފާހަގަކުރެވެމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ފާހަގަކުރެވޭނަމަ، އެ ފަރާތްތަކުގެ ފޮޓޯ ނުވަތަ ވިޑިއޯ 9341144 މި ނަންބަރަށް ވައިބަރ /ވަޓްސްއެޕް ނުވަތަ އެ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ފޮނުވައިދިނުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެއާއި ހިލާފަ އަމަލުކުރަމުންދާ ފަރާތްތަކާއިމެދު އަންނަނީ ފިޔަވަޅުވެސް އަޅަމުންނެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެ، ޖޫރިމަނާ ކުރަމުންދެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށްވެސް ގެތައް ސާފުކުރުމަށް ފަހު އެއްލައިލައި ކުނިން މަގުތައް ފުރާލައި މައްސަލަ ބޮޑުވެއެވެ.