ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ

މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ލިބުން ފިތުރު ޒަކާތުގެ ތަފާސް ހިސާބުތައް އާއްމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއް ސަތޭކަ ތޭރަ (1،599،113) ރުފިޔާއެވެ.
މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 205,406 ރުފިޔާ ގިނަ އަދަދެކެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1،393،707 ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް މިނިސްޓްރީން އާންމުކޮށްފައެވެ.
މިނިސްޓްރީން ބުނީ ބަނޑޭރި ޕޭ މެދިވެރިކޮށް 117،494 ރުފިޔާ ދައްކާފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އޮންލައިންކޮށް 759،407 ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ދިރާގު އެސްއެމްއެސް، ދިރާގު އޮންލައިން އަދި ދިރާގު ޕޭ މެދުވެރިކޮށް ވެސް އެކި ފަރާތްތަކުން ޒަކާތް ދައްކާފައިވާއިރު އުރީދޫ އެސްއެމްއެސް، އުރީދޫ އެމް ފައިސާ އަދި ފަހިޕޭ އޮންލައިން މެދުވެރިކޮށްވެސް ފައިސާ ދައްކާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.