ޚަބަރު

ކޯޓާ އިތުރުކޮށްދިނުމުން ދައްކުވައިދެނީ ދެ ގައުމު ދެމެދު އޮތް އެކުވެރިކަން: ޒަމީރު

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އިންޑީއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އާއި މިނިސްޓަރު ޒަމީރު

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އަސާސީ މުދަލުގެ ހުއްދަ އިތުރުކުރުމަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމުގެ އިތުރުން ދެ ގައުމު ދެމެދުގައި އޮތް އެކުވެރިކަން ބަދަހިކަމުގެ ރަމްޒެއް ކަމެއް ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޒަމީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންޑިއާއިން އިމްޕޯޓް މުދަލުގެ ކޯޓާ އިތުރުކޮށްދިނުމުން، އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އެކަމުގެ ސަބަބުން ފެނިގެންދަނީ އެކުވެރިކަމުގެ ގުޅުމާއި، ދެގައުމުން ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، ފުޅާ ކުރަން ކުރަމުންދާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.

"މިއީ ދެގައުމުގެ ދެމެދުގައި އޮތް ދިގުދެމިގެންދާ އެކުވެރިކަން ދައްކުވައިދޭ ކަމެއް. އަދި މި ދެމެދުގައި އޮތް ވަރުގަދަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއާއެކު އަސާސީ ބާވަތްތައް އެތެރެކުރުމަށް 2021 ވަނަ އަހަރު ހެދި އެއްބަސްވުމުގައި އޮތް ގޮތުން އެ ހުއްދަ މާޗު މަހު ހަމަވާނެ އެވެ. އެއީ ތިން އަހަރުގެ އެއްބަވުމެކެވެ. އެ އެއްބަސްވުން އިންޑިއާއިން މިފަހަރު އިތުރުކޮށްދީފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުން 2024 އަދި 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބާވަތްތައް ކަމަށްވާ ހަނޑު, ފިޔާ, ހަކުރު, ފުށް, އަލުވި, ބިސް, މުގު, ހިލައާއި ހިލަވެލި ހާއްސަ އަގުތަކެއްގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މުއްދަތާއެކު މި ބާވަތްތައް ފޯރުކޮށްދޭ މިންވަރު ވެސް ސަރުކާރުން އެދުމުން ފަސް ޕަސެންޓު އިތުރުކޮށްދީފައިވާ ކަމަށާއި މިއީ 1981 ގައި މި އެއްބަސްވުން ހެދި ފަހުން ދޭ އެންމެ ބޮޑު އަދަދު ކަމަށެވެ.

މިއީ އިންޑިއާއިން ގެންގުޅޭ "ނެއިބަހޫޑް ފަސްޓް" ޕޮލިސީގެ ދަށުން ނިންމި ނިންމުމެއް ކަމަށް ވެސް އިންޑިއާ އިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!