ޚަބަރު

ކުށްކުރާ ކުދިން ބައިތިއްބަން ވަކިން ރަށެއްގައި ފެސިލިޓީއެއް ހަދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެބިނެޓް ބައްދަލުވުމުގައި މިނިސްޓަރު އިހުސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

ކުށްކުރާ ކުޑަކުދިންނަށް ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ޑިޓެންޝަން ސެންޓަރުތައް އެކަމަށް ހާއްސަ ރަށެއްގައި ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިހުސާން މިހެން ވިދާޅުވީ ކުޑަ ކުއްޖަކަށް ބުލީ ކުރި މައްސަލައާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ''ލޯންގް ޓާމް ކެއާ ފެސިލިޓީ''އެއް އެޅުމަށް ގާނޫނު ލާޒިމްކުރާ ކަމަށެވެ. އަދި އެ ކެއާ ފެސިލިޓީ އަކީ އެޓް ރިސްކުގައި ތިބޭ ކުދިން މުޖްތަމައުގައި ތިބެގެން ފަރުވާ ނުދެވިދާނެ ކަމަށެވެ. ދިގު މުއްދަތަށް މުޖުތަމައުއިން އެކަހެރިކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ފަރުވާ ދެވޭނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެކުދިން ބޭތިއްބުމަށް ގާއިމްކުރާ ފެސިލިޓީއެއް ކަމަށެވެ.

އިތުރަށް އިހުސާން ވިދާޅުވީ، މި ސަރުކާރުގެ ވިސްނުން ހުރީ ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް، އަނބުރާ މުޖުތަމައުއަށް ގެނައުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ލޯންގް ޓާމް ކެއާ ފެސިލިޓީ އާއި ޑިޓެންޝަން ސެންޓަރުތައް އެކަމަށް ހާއްސަކޮށް ވަކި ރަށެއްގައި ތަރައްގީ ކުރުމަށް ކަމަށެވެ.

"އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުތައް ގާއިމުކުރެވުމުން، އާއިލާތަކަށް ނުބެލެހެއްޓޭ ކުދިންނާއި، އަހުލާގީ ގޮތުން މުޖުތަމައުއިން އެކަހެރި ވެގެންދާ ކުދިންނާއި، އެޓް ރިސްކުގައި ތިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަމުން ދާނެ ކަމަށެވެ.

އޭގެ އިތުރުން، އެކި އެކި ކުށްތަަކަށް އަރައިގަންނަ ފަރާތްތަކާ އެކުގައި ކުށުގެ މާހައުލުން ތަކުރާކުރުން، ފުލުހުންނާ ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަމުން ދާނެކަން ފާހަގަކުރެއްވިއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށަށް އެގޮތަށް ކުދިން ނެގޭނީ ކޯޓުން ހުކުމް ކުރުމުން ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމަށް ފަހު ކުއްޖާއަށް 18 އަހަރު ވަންދެން ކެއާ ފެސިލިޓީގައި ބެލެހެއްޓުން ކަމަށެވެ.

މި ދެންނެވި ސެންޓަރަށް ގެންގޮއްސަ އެތަނުގައި ކުރެވޭނެ ކަންކަމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ބަރާބަރަށް އެކުދިން ލައްވާ ކުރުވުމާއި، އެކުދިންނަށް އުމުރާ ގުޅޭ ގޮތުން ދެވޭ ރަސްމީ ތައުލީމު ދިނުން. އޭގެ އިތުރުން އަހުލާގީ ގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުން

އަދި މީގެ އިތުރުން އެކުދިންގެ ހުނަރު ތަރައްގީ ކުރުމަށާއި، އެކުދިންނަށް ބޭނުންވާ ސައިކޯ ސޯޝިއަލް އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަށް ގާނޫނީ ގޮތުން ޖުމްލަ ގޮތެއްގައި ހައްލެއް ލިބޭނީ މި ފެސިލިޓީތައް ގާއިމްކުރެވި، ފަރުވާ ޕްރޮގްރާމްތައް ފެށުމުން ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށަހެޅިގެންދާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން އެކުދިންނަށް އެކަށީގެންވާ ފަރުވާއެއް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން  ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ ޑިޓެންޝަން އަންނަ ހަފްތާގެ ތެރޭގައި ހުޅުވައި، އެ ސެންޓަރަށް ކުށްކުރާ ކުޑަކުދިން ނަގަން ފެށުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުށުގެ ވެށީގެ މާހައުލުގައި 12 އަހަރާއި 13 އަހަރުގެ ގިނަ އަދަދެއްގެ ކުދިން  އެކުދިންނަށް ފިޔަވަޅު އަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ ދަތިތަކެއް ހުރުމުން، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ވެސް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!