މިމަހުގެ މުސާރައިގައި އިތުރު ގަޑި ނުހިމެނޭ، ގަޑީލާރި ނުކަނޑާނެ
މި މަހުގެ މުސާރައިގައި އިތުރު ގަޑީގެ ފައިސާ އުނިކޮށް ގަޑިޖެހުމުން އުނިކުރާ ގަޑީލާރި އުނި ނުކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން މާދަމާއިން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ސަރުކާރު އިދާރާތައް ބަންދުކުރުމަށް ނިންމުމާ ގުޅިގެން މިމަހު މުވައްޒަފުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލު ބަޔާންކޮށް ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ އޮފީސްތަކަށް އިއްޔެ ސާކިއުލާއެއް ފޮނުވާފައިވެއެވެ،
މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ އެއް ހަފުތާގެ މުހުލަތަށް ސަރުކާރު ބަންދުވާނެތީ، މިއަދުގެ މެންދުރު 2:00ގެ ކުރިން ސަރުކާރުގެ ހުރިހާ އޮފީހަކުންވެސް މުސާރަ ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް ފިނޭންސަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށެވެ.
ސާކިއުލާގައި ގިނަގުނަ އިދާރީ ކަންތައްތަކެއް ހިމެނިފައިވާއިރު އެ ސާކިއުލާގައި ބުނެފައިވަނީ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޯޓީ ފައިސާ މުސާރައިގައި ނުހިމެނުމަށެވެ. އަދި އޭގެ އިތުރުން ގަޑިލާރި ނުވަތަ ގަޑިޖެހުމުން މުސާރައިން އުނިކުރާ ފައިސާ މިމަހުގެ މުސާރައިގައި ނުހިމެނުމަށްވެސް ސާކިއުލާގައި އަންގާފައިވެއެވެ. އަދި އެފައިސާ އުނިކުރާނެ ގޮތާއި އަދި އިތުރުކުރާނެ ގޮތްތައް މިނިސްޓްރީއިން ފަހުން އަންގާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.
މުސާރައާ ގުޅޭ ގޮތުން މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާއިރު، ވަޒީރުން މަޖިލިހުގެ ބައްދަލުވުމަކުން އިއްޔެ ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ޚަރަދުތަކުން އެއް ބިލިއަން ރުފިޔާ ސަލާމަތްކުރުމަށެވެ. ހަމައެހެންމެ ސަރުކާރު މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށްވެސް ވަނީ ނިމާފައެވެ.