ޚަބަރު

މެމްބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކޮމިޓީން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by MWSC

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އެ ހުށަހެޅުން ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޓީގެ މި ނިންމުން މަޖިލީހުން ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު 14:00 ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ފާސްކުރިއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގެ ހަރަދުތަކުން 19 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް ކަމަށާއި ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!