''ފަރިހި2'' ހޯދަން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ނެރެފި

މ. މަޑުއްވަރިން 3 މީހުންނާއެކު ފަރުމަހަށް ނުކުމެ އުޅުނު "ފަރިހި 2" ނަމަކަށް ދޯނި ހޯދުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، އެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވާން ފަށައިފި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން އެކަން ހާމަކުރީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
''ޚަބަރެއް ނުވެގެން ހޯދަމުންދާ "ފަރިހި 2" ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ މިހާރުވަނީ ހަރަކާތްތެރިވާން ފަށާފަ'' އެމްއެންޑީއެފުން ބުންޏެވެ.
ދޯނި ހޯދަން އެމްއެންޑީއެފުން ދަނީ ޑްރޯން ބޭނުންކުރަމުންނެވެ. ހުއްޓުމެއްނެތި ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެގޮތުން މިހާތަނަށް ކަނޑާއި ވައިގެ މަގުން މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ބުނެފައިވެއެވެ.
ދޯނި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެއަށް ފަހު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރަން ފުލުހުން އެދެއެވެ.