ދުނިޔެ

ޓައިވާނުން އިތުރު އުޅަނދު ގަންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނީ ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އަނެއްކާވެސް އެ ރަށާ ގާތްވެފައިވާތީ، ޔޫކްރެއިން އާއި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދޭ 95 ބިލިއަން ޑޮލަރުގެ ލެޖިސްލޭޓިވް ޕެކޭޖުގައި ހިމެނޭ ޓައިޕޭއަށް ބޭނުންވާ ފައިސާ ބޭނުން ކުރާނެ ގޮތަކާ މެދު އެމެރިކާއާ މަޝްވަރާ ކުރާނެ ކަމަށެވެ.

Ads by Sosun Fihaara

ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތަސް އެމެރިކާއަކީ ޓައިވާނުގެ އެންމެ މުހިންމު ބައިނަލްއަގުވާމީ ސަޕޯޓަރާއި ހަތިޔާރު ސަޕްލައިކުރާ ގައުމެވެ.

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަށް އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކޭ ޗައިނާގެ އަސްކަރީ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ޓައިވާނުގެ ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ޕެކޭޖް ފާސްކުރުމުން ޑިފެންސް މިނިސްޓްރީން ޝުކުރު އަދާކުރަމުން ބުނީ، އެ ޕެކޭޖުން ދައްކުވައިދެނީ ޓައިވާނަށް އެމެރިކާއިން ދޭ "ރޮކް ސޮލިޑް" ތާއީދު ކަމަށެވެ.

އަދި މިހާރު ހުރި އެކްސްޗޭންޖް މެކޭނިޒަމްތައް މެދުވެރިކޮށް އެމެރިކާއާ އެކު ކަމާގުޅޭ ބަޖެޓް ބޭނުންތައް ކޯޑިނޭޓްކޮށް، ޓައިވާން ކަނޑުއޮޅިގެ ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށް ޓަކައި ހަނގުރާމައަށް ތައްޔާރުވުމުގެ ގާބިލްކަން ހަރުދަނާކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

2022 ވަނަ އަހަރުން ފެށިގެން ޓައިވާނުން ވަނީ ސްޓިންޖާ އެންޓި އެއާކްރާފްޓް މިސައިލް ފަދަ އެމެރިކާގެ ހަތިޔާރު ތައް ފޯރުކޮށްދިނުން ލަސްވާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

ޗައިނާގެ ފަރާތުން ޓައިވާނަށް ކުރިމަތިވެފައިވާ ޕްރެޝަރަށް އަލިއަޅުއްވާލައްވަމުން އެ މިނިސްޓްރީން އާދީއްތަ ދުވަހުގެ ހެނދުނު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ 14 އަސްކަރީ މަތިންދާބޯޓު ޓައިވާން ކަނޑުއޮޅިގެ ސެންސިޓިވް މީޑިއަން ލައިން ހުރަސްކޮށްފައިވާ ކަމަށެވެ.

އެއްޒަމާނެއްގައި މި މީޑިއަން ލައިން އަކީ ދެ ފަރާތުގެ އަސްކަރިއްޔާ ހުރަސްކުރި ނުރަސްމީ ބޯޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ޗައިނާގެ ވައިގެ އަސްކަރިއްޔާއިން މިހާރު ގަވާއިދުން އޭގެ މަތިން މަތިންދާބޯޓު ފޮނުވަ އެވެ. ޗައިނާއިން ބުނަނީ އެ ލައިން އޮތްކަން ގަބޫލު ނުކުރާ ކަމަށެވެ.

ޓައިވާނުގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުން ހޮނިހިރު ދުވަހު ޗައިނާގެ ބައެއް މަތިންދާބޯޓުތައް 40 ނޯޓިކަލް މޭލު (70 ކިލޯމީޓަރު) ކައިރިން ގޮސްފައިވާ ކަމަށް ޓައިވާނުގެ މިނިސްޓްރީން ނެރުނު މެޕެއްގައި ބުނެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!