ޚަބަރު

މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ޕްރައިވައިޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ޝަމާހުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގައެވެ. އެ މުއްދަތު ހަމަވާތީ ފަހުން ވަނީ  މުއްދަތު އިތުރުކޮށްފައެވެ.

ޕީސީބީއިން ބުނީ ސަސްޕެންޝަން އުވާލުމަށްފަހު، ސަމާހު ހުރި މުއްދަތުގައި ކުންފުނީގެ ކަންކަން ހިންގުމަށް އުފެއްދި ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ 12 ކަމެއް ތުހުމަތުކޮށެވެ.

އޭގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން ހިމެނެއެވެ.

ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމުގެ އިތުރުން އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުންވެސް ޕީސީބީން ޝަމާހު އަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!