ޚަބަރު

ކޮވިޑް-19: ބޭރުގެ އިމަޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް ރާއްޖެ އަތުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ފެންވަރުގެ އިމަޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އަތިވެއްޖެއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ގެނައި މި ޓީމުގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދިނުމަށް މި ފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރަކު ހިމެނޭ ކަމަށެވެ.

އަދި ކ. ވިލިވަރުގައި ޤާއިމުކުރެވިފައިވާ އަދި އއ. ވެލިދޫގައި ޤާއިމުކުރެވެމުންދާ ކަރަންޓީން ފެސިލިޓީތަކުގައި މިޓީމުގައި ހިމެނޭ ދެ ނަރުހުންނާއި ބަލި ދެނެގަނެވޭ ހާލަތުގައި އެ ފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަރޖެންސީ މެޑިކަލް ޓެކްނީޝަނެއް ވެސް މި ޓީމުގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަދު ރާއްޖެ ގެނައި މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންނެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށް، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށްފައި ވެއެވެ.

މީގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބޭނުންވާ މާސްކާއި، އިތުރު މެޑިކަލް އިކުއިޕްމަންޓްސް ޓޫރިޒަމް އިންޑަސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ވަނީ ހޯދައިދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!