ޚަބަރު

ފޮރިން މިނިސްޓަރު އިންޑިއާ އަށް ވަޑައިގަންނަވަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މިޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޒަމީރު އިންޑިއާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އެ ދަތުރުގައި, އިންޑިއާ އާއި ރާއްޖެއާ ދެމެދު ފާއިތުވި ދުވަސްތަކުގައި ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

''ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މިނިސްޓަރު ޖައިޝަންކަރު ގެ މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި، އިންޑިއާއިން އެގައުމުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށް ބެލެވޭ'' ވެރިކަންކުރާ ބީޖޭޕީގެ މަސްލަހަތު އޮންނަ ''ވިއޯން'' ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެ ދަތުރާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ދަތުރުވެގެންދާނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވި ފަހުން މި ސަރުކާރުގެ އިސްވެރިޔަކު އިންޑިއާ އަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅަށެވެ.

ޒަމީރު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު މި މަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ސިފައިންގެ ބަދަލުގައި ހަރަކާތްތެރިވާނީ އިންޑިއާގެ މަދަނީ މީހުންނެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!