ޚަބަރު

އޯއައިސީގެ ސަމިޓަށް، ޑރ. ޝަހީމް ގަމްބިއާއަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޝަހީމް ގަމްބިއާއަށް ވަޑައިގަންނަވަން އެއާޕޯޓް ލޯންޖުގައި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގަމްބިއާއަށް ވަޑައިގެންފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އޯއައިސީގެ އިސްލާމިކް ސަމިޓަށް މިނިސްޓަރު ޝަހީމް ވަޑައިގަންނަވަނީ ރައީސްގެ މަންދޫބެއްގެ ގޮތުގައެވެ.

ޝަހީމަކީ މުސްލިމު ގައުމުތަކާ ގާތް ގުޅުމެއް އޮންނަ، ނުފޫޒު ގަދަ ބޭފުޅެކެވެ. ބައިނަލް އަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ލީޑަރުންގެ ތެރޭގައި ހިމެނެއެވެ.

ޝަހީމް ވަނީ އޯއައިސީގެ މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ. ދުނިޔޭގެ 57 ގައުމުގެ ހިމެނޭ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަން، އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗުރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމު ވެސް ފުރުއްވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވީ ޝަހީމެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން އޭނާ ކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!