ކެޔޮނިރު: ޤައުމުގެ އިގްތިސޯދު ކޮނޑުއަޅައިގެން ހިނގި ރިސޯރޓް މުއައްޒަފުން ނަގައި އެއްލައިލުން!
ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސިމްޑީ ގްރޫޕްގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ، އެކުންފުނީގެ ހުރިހާ މުއައްޒަފުންނަށް އިނގިރޭސި ބަހުން ފޮނުއްވި މެމޯ އެއްގެ ތަރުޖަމާގައިވެއެވެ:
"ހުރިހާ މުއައްޒަފުންނަށް ސަލާމް. މިކުންފުނީގައި މަސައްކަތް ކުރައްވާ އެތައް ހާސް މުއައްޒަފުން ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ސަރުކާރުގެ އެތައް މުއައްޒަފުންނަށާއި ޕްރައިވެޓް ސެކްޓަރގެ އެތައް މުއައްޒަފުންނަށް މި ހާލަތުގައި ވަނީ މުސާރަ ކުޑަ ކުރެވިފައެވެ. ސިމްޑީ ގްރޫޕްގެ މެނޭޖްމެންޓަށް އަޅުގަނޑު ދަންނަވާފައި ވާނީނޯމަލް ކޮށް އޮޕަރޭޝަންސް ކުރިއަށް ގެންދެވުމަށާއި، ހުރިހާ މުއައްޒަފުންނަށް ފުލް މުސާރަ، އެ ދޭންޖެހޭ ވަގުތުގައި ދިނުމަށެވެ. އަދި ކުންފުނީގެ ވިޔަފާރި ދަށްވެ، މުސާރަ ދޭން ދަތި ވެއްޖެ ހާލަތެއްގައި އަޅުގަނޑުގެ އަމިއްލަ ސޭވިންގްސް އިން ނަގާފައި ވެސް މުސާރަ ފުލްކޮށް ދޭނެ ކަމުގައި ދަންނަވަމެވެ. އަޅުގަނޑަށް އެންމެ މުހިއްމު ބަޔަކީ މުއައްޒަފުންނެވެ. ތިޔަ މުއައްޒަފުންނާއި ނުލައި މި ކުންފުންޏެއް ނޯންނާނެ އެވެ. ތިޔަ މުއައްޒަފުން ތިޔަ ކުރައްވާ މަސައްކަތަށް ފަށްފަށުން އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމެވެ".
ސިމްޑީގެ ޗެއާމަންގެ މި މެސެޖަކީ ކޮވިޑް19 ވައިރަސް އިން މުޅީ ދުނިޔެއާއި، ހާއްސަކޮށް ދިވެހި ޤައުމުގެ އިގްތިސޯދަށް ނުހަނު ބޮޑު ދަތިތަކާއި ގޮންޖެހުން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެކުންފުނީގެ އެތައް ހާސް މުއައްޒަފުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުން ގެނުވައި، ހާސްކަން ފިލުވައިދޭނެ މެސެޖެކެވެ. ސިމްޑީ ކުންފުންޏަކީ ރިސޯރޓް ހިންގުމުގެ އިތުރުން ބާޒާރުގައި ތަފާތު އެތައް ވައްތަރެއްގެ މުދާ ވިއްކާ ތަފާތު ފިހާރަތައް ހިންގާ، އަދި ބޭސްފަރުވާގެ ހިދުމަތްފަދަ އެތައް ހިދުމަތެއްދޭ ކުންފުންޏެކެވެ. ސިމްޑީ ކުންފުންޏަށް މުއައްޒަފުންނަށް މިފަދައިން މުސާރަ ދެވޭކަމުގައިވާނަމަ ރާއްޖޭގައި އެއަށް ވުރެ މާގިނަ ދުވަހު މާގިނަ ރިސޯރޓްތައް ހިންގި، މާ ބޮޑެތި ކުންފުނިތަކަށް މިހެން މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.
ރާއްޖޭގައި ރިސޯރޓް ހިންގާ ބޮޑެތި ބައެއް ކުންފުނިތަކުން މިހާރު ވަނީ ގިނަ އަދަދެއްގެ މުއައްޒަފުންނަށް ނޯޕޭ ލީވް ނުވަތަ މުސާރައެއް ނެތި ޗުއްޓީ ދީފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިވީ 48 އަހަރު ތެރޭގައި މުޅި ދިވެހި ޤައުމުގެ އިގްތިސޯދު ކޮނޑުއަޅައިގެން ހިނގީ ޓުރިޒަމް ސިނާއަތުގެ، ޙާއްސަކޮށް ރިސޯރޓް ތަކުގެ މުއައްޒަފުންނެވެ. މިއަދު، ޤައުމުގެ އިގްތިސޯދާއި އެކުގައި ރިސޯރޓް ތަކުގެ ވިޔަފާރި ހުއްޓުުމަކަށް އައުމުން އޭގެ އެންމެ ބޮޑު ތަކްލީފް ކުރިމަތިވީ ބަޔަކަށް މިވަނީ އާޢްމު މުއައްޒަފުންނެވެ.
ކުންފުންޏެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ މުއައްޒަފުން ކަމުގައި ސިމްޑީޑީ ފަދަ ބައެއް ވިޔަފާރިވެރިން ދުށްކަމުގައި ވިއަސް ރާއްޖޭގެ ގިނަ ރިސޯރޓް އޮޕަރޭޓަރުން އެފަދައިން ދެކޭ ކަމަކަށް ނުބެލެވޭނެއެވެ. އެފަދައިން ދެކޭ ނަމަ މިފަދަ ދަތި ދަނޑިވަޅެއްގައި ގިނަ މުއައްޒަފުން ތަކަކަށް މުސާރައާއި ނުލައި ޗުއްޓީއެއް ނުދޭނެއެވެ. ހަޤީގަތުގައި އެއަށް ނޯޕޭ ލީވޭ ނުވަތަ މުސާރަ އާއި ނުލައި ޗުއްޓީ ދިނުމޭ ކިއަސް އެއީ ހަމަ ވަޒީފާއިން ވަކި ކުރުމެވެ.
ރިސޯރޓް ތަކުގައި މަސައްކަތް ކުރާ ވަރަށް ގިނަ މުއައްޒަފުންނަކީ ރާއްޖެތެރޭ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އާއިލާ މާލެ ގެނެސް ދަރީންނަށް ކިޔަވައިދިނުމަށް ބައިތިއްބާފައި ތިބެނީ މާލޭގައެވެ. ކުއްލިއަކަށް މުސާރަ ނުލިބި ހުއްޓުމުން އެތައް އަހަރަކު ކުއްޔަށް އުޅުނު ގެ ދޫކޮށްލައި، ގަތް ފަރުނީޗަރުތައް ދޫކޮށްލައި ނުވަތަ ނުއަގުގައި ވިއްކާލައި، ތަންމަތި ބަނދެގެން ރަށަށް ދާން މަޖުބޫރު ވީއެވެ. އަދި ރަށަށް ދިޔައަސް އަނބި ދަރީންނަށް ކާންބޯން ދޭން، އާމްދަނީ އެއް ހޯދަން، މިދަތި ދަނޑިވަޅުގައި ރަށުންވެސް ވަކި ލިބޭނީ ކޮން ވަޒީފާއެއް ހެއްޔެވެ؟ ތިމާގެ ރިސޯރޓްތަކުގައި ވަޒީފާ އަދާކޮށް، ތިމާ މަލްޓި މިލިއަނަރަކަށް ހަދައިދީ، ތިމާ ބޮޑު މުއްސަނދި މަހުޖަނަކަށް ހަދައި ދޭނެް ގުދާރު ބިންދައިގެން، އަނބި ދަރީންނާ ދުރުގައި އެތައް ޤުރުބާނީ އެއް ވެގަން މަސައްކަތް ކުރި މުއައްޒަފު މީހާ އެހާ ފަސޭހައިން އެއްލައިލާނީ ހިތުގައި އެއްވެސް އިސާނިއްޔަތު ކަމެއް ނެތީމައޭ ވެސް ހަމަ ބުނެވިދާނެއެވެ.
ރިސޯރޓްގެ ވިޔަފާރި އެއްކޮށް ހުއްޓި، ރިސޯރޓް ބަންދު ކުރަން ޖެހުމުން ފުލް މުސާރަ ނުދެވޭ ނަމަ މުސާރައިގެ ދެބައި ކުޅަ އެއްބަޔާ އެކުގައި ޗުއްޓީދިނަސް، މުސާރަ އެއްކޮށް ނުލިބޭ ގޮތަށް "ޗުއްޓީ" ދިނުމަށް ވުރެ ރަނގަޅެވެ. އިގްތިސޯދީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭ މިބަލީގެ ހާލަތު ރަނގަޅުވެ ޓޫރިސްޓުން އަންނަން ފައްޓާނެއެވެ. އެހެން ކަމުން ތިން ވަރަކަށް މަސް ވަންދެން މުއައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ނުދެވޭނެ ރިސޯރޓް މަހުޖަނެއް މިޤައުމުގައި ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ސިމްޑީޑީ ވިދާޅުވީ ހަމަ ރަނގަޅަށެވެ: "އެންމެ މުހިއްމު ބަޔަކީ މުއައްޒަފުންނެވެ. މުއައްޒަފުންނާއި ނުލައި ކުންފުންޏެއް ނޯންނާނެ އެވެ." ހިތާމައަކީ ރިސޯރޓް ތައް ހިންގާ ގިނަ ރިސޯރޓް އޯނަރުންނަށް މިކަން ނުވިސްނޭ ކަމެވެ. މަދު ވިޔަފާރިވެރިއަކަށް ވިސްނުނަސް ގިނަ ވިޔަފާރިވެރިން މިކަން މިގޮތަށް ނުދެކޭ ކަމެވެ.
ދެން އޮތީ މިކަމާ މެދު ދިވެހި ސަރުކާރުން އަމަލު ކުރާ ގޮތެވެ. ތެދެކެވެ. ރިސޯރޓް ތަކަށް މުއައްޒަފުން ވެއްދުމާއި މުއައްޒަފުން ވަކި ކުރުމުގައި ސަރުކާރަށް ސީދާ ގޮތެއް ނުކިޔޭނެއެވެ. ނަމަވެސް މިފަދަ ޤައުމީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ހާލަތުގައި، އަދި ޤައުމުގެ އިގްތިސޯދު ބޮޑުތަނުން ދަށް ވެފައިވާ ހާލަތުގައި، ޤައުމުގެ އިގްތިސޯދުގެެ އެންމެ މައި ލޭނާރު ކަމުގައިވާ ޓޫރިޒަމް ސިނާއަތުގެ މުއައްޒަފުން މަގުމަތިވެ، ބިކަވެގެން ދާއިރު ދިވެހި ސަރުކާރުން މިކަމުގައި ކޮންމެވެސް ގޮތެއް ކިޔަން ޖެހޭނެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމައެކަނި ވިދާޅުވިހާ ވެސް އެއްޗަކީ މުއައްޒަފުންނަށް ދެރަވާނެ ކަހަލަ ގޮތަކަށް ރިސޯރޓް ތަކުން ކަން ނުކުރުމަށެވެ. ހަމައެކަނި އެވަރަށް ބުނެލާފައި ފުއްދާލުމަކީ ބޮލުން ނައްޓާލުން ނޫން ދެން ކޮން ކަމެއްތޯއެވެ؟
މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ޖަމްއިއްޔާ، މަޓީ، އިން މަސައްކަތް ކުރަނީ ސަރުކާރުގައި ލޮބީ ކޮށްގެން ރިސޯރޓްތަކުގެ ބިމު ކުލި އެއް އަހަރަށް ނަމަވެސް ކަނޑާ ލެވޭތޯއެވެ. ބިމު ކުއްޔަކީ ރިސޯރޓް ތަކުން ދައުލަތަށް އަހަރަކު އެއްފަހަރު ދައްކާ ބޮޑު ކުއްޔެވެ. ޓޫރިޒަމް މިނިސްޓަރާއި މުޅި ސަރުކާރުވެސް އޮންނާނީ ރިސޯރޓް އޯނަރުންނަށް މިކަން މިގޮތަށް ކޮށްދޭން ކަން ކަށަވަރެވެ. ހުރިހާ ހަމްދަރުދީ އަކާއި ހުރިހާ އިނާޔަތެއް މަހުޖަނުންނަށެވެ. ނިކަމެތި މުއައްޒަފު މީހާގެ ހައްޤު ހޯދައިދޭން ޓޫރިޒަމް މިނިސްޓަރުވެސް އަދި ސަރުކާރުން ވެސް ބަހެއް ބުނާ އަޑެއް ނީވެއެވެ.
ރިސޯރޓް އޯނަރުން ދައުލަތުގައި މިފަދަ ކަމަކަށް އެދޭ އިރު ދައުލަތުން ވެސް ރިސޯރޓް އޯނަރުން ކައިރިން އެދެވޭނެ ކަންކަން ހުންނާނެއެވެ. އެގޮތުން ރިސޯރޓް މުއައްޒަފުންނަށް ނޯޕޭލީވް ދިނުމުގެ ބަދަލުގައި ފުލް މުސާރަ ނުވަތަ ދެބައިކުޅަ އެއްބައި މުސާރައިގައި ޗުއްޓީ ދިނުމަށް ވެސް ބުނެވިދާނެއެވެ. އޭގެ ބަދަލުގައި މުއައްޒަފުންތައް ކަނޑާ ގެއަށް ފޮނުވާލާ އިރު ސަރުކާރުން ނުވަތަ ދައުލަތުން ޗުއްޕު ވެސް ނުބުނެ ތިބުމަކީ ރިސޯރޓް މުއައްޒަފުންނާ މެދު ޓޫރިޒަމް މިނިސްޓްރީން އަދި ސަރުކާރުން ވެވޭ ބޮޑުވެގެންވާ އިހުމާލެކެވެ. މިއީ ބަޔަކު އަޅުންނާ މެދުވެސް އަމަލު ނުކުރާނެ ފަދަ ދަށު ދަރަޖައިގެ އަމަލެކެވެ. އަޅުން ކަމުގައި ވާނަމަ މުސާރަ ނުދިނަސް، ކުޑަ މިނުން ކާއެތި ކޮޅެއް ދިއްކޮށްލާނެއެވެ. ތިމާ މަހުޖަނަކަށް ހަދައިދިން މުއައްޒަފުން ހާލުގައި ޖެހުނު ދުވަހު އެމީހުން ބިކަ ހާލުގައި ނަގައި އެއްލާލުމަކީ އެބައި މީހުންނާ މެދު އަޅުންނަށް ވުރެވެސް ދަށުދަރަޖައިގައި އިހުމާލު ވުމެވެ.