ބޭންކުން ގެއްލުމުގެ ބަދަލު ހޯދަން ޔާމީން އުޅޭ މައްސަލަ ހައި ކޯޓުން މަޑުޖައްސުވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި އެވެ.
ގެއްލުމުގެ ބަދަލު ހޯދަން ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވީ އޭސީސީއާއި ބޭންކް އޮފް މޯލްޑިވްސް ވެސް ހިމެނޭ ގޮތަށެވެ. އޭސީސީއާއި ބީއެމްއެލުން ޔާމީނަށް އެ އެކައުންޓުގައި އޭރު ހުރި އެއް މިލިއަން ޑޮލަރާއި އިންވެސްޓްކޮށްގެން ބެހެއްޓިނަމަ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާ ދިނުމަށް ވެސް އެދިފައިވެއެވެ.
ސިވިލް ކޯޓުގައި މައްސަލަ ފެށުމުން ބީއެމްއެލްގެ ހުށަހެޅި އިއުތިރާޒަކީ އެ މައްސަލާގައި އެ ބޭންކުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ ބީއެމްއެލް ވެސް ބައިވެރިކޮށްގެން މައްސަލަ ފެށުމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.
ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ ބީއެމްއެލުން ހުށަހަޅާފައިވާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސިވިލް ކޯޓުގައި އޮތް މައްސަލަ ނުފަށައި މަޑުޖައްސާލުމަށެވެ.
ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، މިދިޔަ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް އެކި ދައުވާ އުފުލި އެވެ. އެކްސްރޯ އެކައުންޓުގެ އެއްބަސްވުމަކީ އެއިން މައްސަލައެއްގެ ތަހުގީގަށް ކުރި ކަމެކެވެ.
ފުރަތަމަ އުފުލި ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެމަނިކުފާނު ދަށު ކޯޓުގެ ހުކުމުގައި ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފައިވަނިކޮށެވެ. ފަހުން އަނެއްކާ ވެސް އެހެން މައްސަލައެއްގައި ޖަލަށް ލުމުން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.
ޔާމީން މި ފަހުން މިނިވަންވީ އެ މައްސަލަ ދަށު ކޯޓުގައި ބެލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން މައްސަލަ ބަލަން ހައި ކޯޓުން މި އަހަރު ނިންމީމަ އެވެ.