މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ރައީސަށް އަރުވައިފި
އިންޑިއާގެ ބޮޑުވަޒީރުގެ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަރު ރައީސް ޑރ މުހައްމަދު މުއިއްޒު އަށް އަރުވައިފި އެވެ.
މޯދީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފައިވާއިރު އެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ރައީސް މުއިއްޒުއަށް ފޮނުއްވާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.
ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަސްމީ ގޮތުން ދެ ގައުމުގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ފޯނަށް ޖަވާބު ނުދެއްވާތީ، އެ ދައުވަތު ރައީސް ގަބޫލުފުޅު ކުރެއްވިކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް ސާފުވާ ގޮތް ވަނީ ނުވެފައި އެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ އަވަށްޓެރި ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހާއަށްވެސް ދައުވަތު ވަނީ އަރުވާފަ އެވެ.
ބޮޑުވަޒީރުކަމުގެ މަގާމަށް މޯދީ، އަލުން އިންތިހާބުވުމާއި ގުޅިގެން އެންމެ ފުރަތަމަ މަރުހަބާގެ މެސެޖު ފޮނުއްވި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދު ހިއްސާކުރެވި، އެއްބަސްވެފައިވާ ލަނޑުދަނޑިތަކާއި ހަމަޖެހުމާއި ދެ ގައުމުގެ ވެސް މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެ ޕޯސްޓަށް ރިޕްލައި ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިޔާ ކަމަށެވެ.
އިންޑިއާ އަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ސިޔާސީ ގުުޅުން ބާއްވާ ގައުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި، އެ ރައީސެއްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ ވެސް އިންޑިއާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަޑައިގަތީ ޗައިނާއަށެވެ. އިންޑިއާއަށް އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދަތުރުފުޅެއް ނުކުރައްވަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުން ނިމުމަކަށް ނުގެނެސް އިތުރު ސިފައިން ގެނައި މައްސަލާގައި ރައީސް މުއިއްޒު ލީޑުކުރައްވާ ޕީއެންސީ/ޕީޕީއެމްގެ އިއްތިހާދުގެ ފާޑުކިޔުންތައް އަމާޒުކުރި އެވެ. މި ވެރިކަމުގައި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އެ ގައުމުން ހަދިޔާކުރި އުޅަނދުތަކުގެ އޮޕަރޭޝަނަށް މަދަނީ ހިދުމަތްތެރީން ވަނީ ގެނެސްފަ އެވެ.