ކައުންސިލް މިނިސްޓްރީގެ މެންޑޭޓު މަޖިލިސް މެންބަރުންނަށް ސާފުކޮށްދީފި

ސިޓީސް އަދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ މެންޑޭޓު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ކިޔައިދެއްވަން ސެޝަނެއް ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭއްވި އެ ސެޝަނުގައި އިދާރީ ދާއިރާތަކުގެ މަސައްކަތް ބެހިފައިވާ ގޮތާއި އިދާރީ ދާއިރާތަކަށް ކަނޑައަޅާފައިވާ ވެރިން މެންބަރުންނަށް ތައާރަފުކޮށްދެއްވި އެވެ.
ލޯކަލް ކައުންސިލްތަކަށް ސަރުކާރުން އިސްކަން ދިނުމުގެ މެންޑޭޓު އޮންނަ އެ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގައި މިނިސްޓްރީން ރާވައި ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތު އެރުވި އެވެ.
ލާމަރުކަޒީ ނިޒަމާ ގުޅުން ހުރި ކަންކަން އިތުރަށް އިސްލާހު ކުރަން ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއަށް ހަވާލުކޮށްފައިވާ ކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
ޔުނިވާސިޓީގެ ދިރާސާ ނިމުމާއެކު، އާންމުންގެ ހިޔާލު އިތުރަށް ހޯދާނެ ކަމަށާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު، އެ ދިރާސާގައިވާ ކަންކަން މަޖިލީހަށް ހިއްސާކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.