ޚަބަރު

ހައްޖުގެ އިންތިޒާމުތަކަށް ފާޑުކީ އަމިއްލަ ފައިދާއެއް ނުލިބިގެން އުޅުނު މީހެއް: ޝަކީލް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ފޮޓޯ: ދެން އިމޭޖަސް

ދިވެހި ހައްޖުވެރިންނަށް މި އަހަރު ހަމަޖައްސާފައިވާ އިންތިޒާމުތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ނިޒާމަކީ އަމިއްލަ ފައިދާއެއް ނުލިބިގެން އުޅުނު މީހެއް ކަން ހާމަ ކުރައްވައި، ކަން ހިނގައި ދިޔަ ގޮތް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކިޔައިދެއްވައިފި އެވެ.

Ads by STELCO

މުހައްމަދު ނިޒާމް ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ދިގު ޕޯސްޓެއް ލިޔެފައިވެ އެވެ. އޭގައި އޭނާ ބޮޑަށް ފާޑުކިޔާފައިވަނީ ހައްޖުވެރިންގެ އެހީތެރިންނަށެވެ. ދިން ފައިސާއާ އެއް ފެންވަރުގެ ހިދުމަތެއް ނުލިބޭ ކަމަށާއި އެހީތެރިންނާއި ބަލަހައްޓަން ތިބި މީހުންގެ ކޮންޓްރޯލް ބައެއް ހައްޖުވެރިންނަށް ގެއްލޭ ކަމަށް ބުނެފައިވެ އެވެ.

ޝަކީލް ވަނީ ކަން ހިނގި ގޮތް ފޭސްބުކުގައި ލިޔުއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖުގެ ފުރުސަތު ނިޒާމްގެ ބައްޕަ ހަމަޖެހުމުން އޭނާގެ އެހީތެރިޔާއަށް ނިޒާމާއި އޭނާގެ އަނބިމީހާ ހަމަޖައްސަން އެދުނު ކަމަށެވެ. އެކަމަކު އުސޫލުގެ ބޭރުން އެފަދަ ފުރުސަތެއް ނުދެވޭނެ ކަން އޭނާއަށް އެންގި ކަމަށް ޝަކީލް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނަކީ ހުރިހާ ހައްޖުވެރިންގެ ކަންކަމަށް ހަމަޖައްސާ ބަޔަކަށްވާއިރު ވަކި ހައްޖުވެރިއަކާ ގުޅުން އޮތް ބަޔަކަށް އެހީތެރިންގެ ގޮތުގައި ދަތުރު ކުރަން ފުރުސަތު ދިނުމަކީ ހިދުމަތް "ކޮމްޕްރޮމައިޒް" ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން އިއުލާން ކުރި ބިޑަކަށް ނިޒާމު ކުރިމަތި ލުމަށް ޓަކައި އަޅުގަނޑާ ކޮންޓެކްޓް ކުރުމުން އެއީ އޯޕަން ބިޑެއް ކަމަށް ބުނެ ކޮރަޕްޝަނާ ދެކޮޅު ހަދާފައި ވާނެ،" ޝަކީލް ލިޔުއްވާފައިވެ އެވެ.

އެ ހަގީގަތްތައް ހާމަކުރުމަށް ޓަކައި ނިޒާމު ކުރި މެސެޖުތަކުގެ ސްކްރީން ޝޮޓް ވެސް އޮތް ކަމަށް ޝަކީލް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!