ޚަބަރު

އިއްޒުއްދީން ފާލަން ތަރައްގީ ކުރަނީ ވަރަށް ބޮޑަށް ހަލާކުވުމުން: މިނިސްޓަރު މުއްތަލިބު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ، އެ ފާލަމުގެ ތަނބުތަކާއި ބައެއް ތަންތަން ވަރަށް ބޮޑަށް ހަލާކު ވުމުން ކަމަށް ކޮންސްޓްރަކްޝަންސް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މުއްތަލިބުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު އެ މަންޒަރުތައް ހިމެނޭ ފޮޓޯތައް ޕޯސްޓް ކުރެއްވީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަން ޖެހި ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅެން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

މުއްތަލިބު ވިދާޅުވީ ފާލަން ތަރައްގީ ކުރަން އެމްޓީސީސީއާ އެކީ އެއްބަސްވުމަކަށް ދާން ޖެހުނީ އެ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއް ވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ކަމަށެވެ.

"ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން، ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުން ކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއް،" މިނިސްޓަރު މުއްތަލިބު ލިޔުއްވާފައިވެ އެވެ.

ފާލަން ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު މިނިސްޓްރީން ފުރަތަމަ ސޮއިކުރީ 14 އޮގަސްޓް 2023 ގަ އެވެ. އެއީ ކުރީގެ ސަރުކާރުގަ އެވެ.

އާ ސަރުކާރު އެކުލަވާލި ފަހުން އެމްޓީސީސީން ބުނީ އާ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓްރަކްޗާ ފަރުމާ ކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެ އެވެ.

މަޝްރޫއު ހަވާލުކުރީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިހު ޒަމާނުގައި އޮޑިދޯނި ފަހަރު، ބައްތެލީގެ ރިޔާތަކުގެ ރަމްޒެއް ގޮތަށް ބިނާތަކެއް ހިމަނައިގެން މިހާރު ފެންނަ ގޮތަށް އިއްޒުއްދީން ފާލަން ތަރައްގީ ކުރީ ވެސް އެމްޓީސީސީންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!