ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި
މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.
ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވިގެން ދިޔަ އެސްޓީއޯގެ އައު ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެކެވެ. އެހެން ކަމުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސް ގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބިގެންދާނެއެވެ.
އެސްޓީއޯއިން ބުނީ، މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތަށެވެ. މި ފާމަސީ ހުޅުވަނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު ފާމަސީ ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.