ޚަބަރު

އިމްރާން ޚާންގެ ޕީޓީއައިއަށް މަޖިލީހުގެ އިތުރު 23 ގޮނޑި ލިބުމުގެ ފުރުޞަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުރު 23 ގޮނޑި ލިބުމުގެ ފުރުޞަތު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ލިބިއްޖެއެވެ. އެ ޕާޓީއަށް މި ފުރުޞަތު ލިބިފައި ވަނީ, އެ ޤައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ފެބުރުވަރީ 8ގައި ބޭއްވި ޢާންމު އިންތިޚާބުގައި ޕީޓީއައިން ވަނީ 84 ދާއިރާއިން ގޮނޑި ކާމިޔާބު ކޮށްފައެވެ.

Ads by STELCO

ނަމަވެސް, ޕާކިސްތާނުގެ ސަރުކާރުން ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެން ޕީޓީއައިގެ ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބުގައި ވާދަ ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 336 ދާއިރާގެ ތެރެއިން 70 ގޮނޑިއަކީ ސިިޔާސީ ޕާޓީތަކަށް ޚާއްޞަ ކޮށްފައިވާ ގޮނޑިތަކެކެވެ. އިންތިޚާބުގައި ޕީޓީއައިގެ ފަރާތުން މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކޮށް, ކާމިޔާބީ ހޯދި ކެނޑިޑޭޓުންނަށް އެ ގޮނޑިތަކަށް ކުރިމަތިލުމަށް ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ވަނީ ހުރަސް އަޅާފައެވެ. އެ ގޮނޑިތައް ބަހައިލާފައި ވަނީ އެހެން ސިޔާސީ ޕާޓީތަކުގެ މެދުގައެެވެ.

މި ކަމާ ގުޅިގެން ޕީޓީއައިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް އިއްވާފައި ވަނީ ޕީޓީއައިއާ އެއްކޮށަޅަށެވެ. ސުޕްރީމް ކޯޓުގައި ހުކުމުގައި ބުނެފައި ވަނީ, ޕީޓީއައިއަކީ ވެސް ސައްޙަ ސިޔާސީ ޕާޓީއެއް ކަމަށާއި, ސިޔާސީ ޕާޓީތަކަށް ޚާޢްޞަ ކޮށްފައިވާ ގޮނޑިތައް ބެހުމުގައި އެ ޕާޓީއަށް ވެސް ހަމަހަމަ ފުރުޞަތު ދޭން ޖެހޭނެ ކަމުގައެވެ. އެ ކޯޓުގައި ހިމެނި ވަޑައިގަންނަވާ 13 ފަނޑިޔާރުންގެ ތެރެއިން އަށް ފަނޑިޔާރުން މި ހުކުމަށް ތާޢީދު ކުރެއްވިއެވެ. ދެކޮޅު ހައްދަވާފައި ވަނީ ފަސް ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު, ޤާނޫނު ހަދާ މަޖިލީހުން އިތުރު 23 ގޮނޑި ހޯދުމުގެ ފުރުޞަތު ޕީޓީއައިއަށް މި ވަނީ ފަހިވެފައެވެ. އަދި ހުކުމާ އެކު, އެ މަޖިލީހުގައި ޕީޓީއައި ތަމްސީލު ކުރާ މެންބަރުންގެ ޢަދަދު 100އަށް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް, މިއީ ވެރިކަން ކުރާ ކޯލިޝަން ސަރުކާރަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރުން ގަބޫލެއް ނުކުރެއެވެ.

ޕާކިސްތާނުުގެ ޤާނޫނީ ދާއިރާގެ ވަޒީރު އަޒަމް ނަޛީރު ތާރަރު ވިދާޅުވީ, ޕީޓީއައިއަށް އިތުރު 23 ދާއިރާ ތަމްސީލު ކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް މިއީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމުގައެވެ. ސަބަބަކީ, ޤާނޫނު ހަދާ މަޖިލީހުގެ 336 ދާއިރާގެ ތެރެއިން 200އަށްވުރެ ގިނަ ދާއިރާގައި ތިއްބެވީ ސަރުކާރު ކޯލިޝަންގެ މެންބަރުން ކަމަށް ވުމެވެ.

ނަމަވެސް, މިއީ ޕީޓީއައިއަށް ތާޢީދު ކުރާ ޢާންމު މެންބަރުންނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މިއީ, އިންތިޚާބުތަކާ ބެހޭ އިދާރާއިން އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށާއި, ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއިން އިންތިޚާބަށް ނުފޫރު ފޯރުވާފައިވާ ކަމަށް ޕީޓީއައިއަށް ތާޢީދު ކުރާ މެންބަރުން ކުރާ ތުހުމަތުތަކަށް ބާރު ލިބިދޭ ނިންމުމެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެއެވެ.

ޕާކިސްތާނުގެ އިންތިޚާބުތަހާ ބެހޭ އިދާރާއަށް ކުރިމަތިވެފައިވާ ތުހުމަތުތައް އެ އިދާރާއިން ދޮގު ކުރެއެވެ. ނަމަވެސް, ބޭރުގެ އޮބްޒަރވަރުން ވެސް ވަނީ ފެބުރުވަރީ މަހު ބޭއްވި އިންތިޚާބުގެ ހާމަކަމާ މެދު ސުވާލު އުފައްދާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސާއި ވިލާތުގެ ބައެއް ޤައުމުތައް ވެސް ހިމެނެއެވެ. އެ ފަރާތްތަކުން ވަނީ ތުހުމަތުތައް ތަޙުޤީޤު ކުރުމަށް ޕާކިސްތާނުގެ އިދާރާތަކަށް ގޮވައިލާފައެވެ. ނަމަވެސް, ޕާކިސްތާން ސަރުކާރުން މި ގޮވައިލުންތަކަށް އިޖާބަ ދީފައެއް ނުވެއެވެ.

"މިއީ އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކައަކީ. އެ މީހުން [ސަރުކާރުން] ވަނީ އިންތިޚާބައި ގޮނޑިތައް ވަގަށް ނަގާފައި،" ޕީޓީއައިގެ ޗެއަރމަން ގޯހަރް ޚާން ވިދާޅުވިއެވެ. އަދި, ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ސަރުކާރުން ބޭރު ކުރަން ބޭނުންވި ގިނަ ޢަދަދެއްގެ މެންބަރުންނަށް ގޮނޑި ކާމިޔާބު ކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އިމްރާން ޚާނަށް ޕާކިސްތާނުގެ ވެރިކަން ގެއްލުނީ 2022ވަނަ އަހަރު އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ. އެ ކަމުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރެއްވި ނަމަވެސް, އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ, އޭނާއާ ދެކޮޅަށް އިއްވާފައިވާ ހުކުމްތަކާ އެކު ޚާން މި ވަގުތު ހުންނެވީ ޖަލުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!